މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެ އާއި ހުޅުމާލޭއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރު ކުރީ މިމަހުގެ 25 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެ އާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ ފަސް އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ފަސް އެޕާޓްމަންޓު ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ބަލައި ފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަހުމަދު ޖިނާހު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަހުމަދު ސައީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުހައްމަދު އަނޫފް އަލީ (27އ) އާއި، ގދ. ހޯޑެއްދޫ، އަބުމާގެ، އަހުމަދު މައީޝް ރަޝީދު (28އ)އެވެ.

މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އާއި، ސައީދު 15 ދުވަހަށް ބަންދުކުރުމަށް އަދި އަނޫފް އާއި މައީޝް ރަޝީދު ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.