ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކު ނުލައި ސްޕެއިނުން ވޯލްޑް ކަޕް ސްކޮޑެއް އިއުލާނު ކޮށްފިއެވެ.
އުތުރު އެމެރިކާގައި އަންނަ މަހު 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ސްޕެއިންގެ ފައިނަލް ސްކޮޑު އިއުލާނުކުރީ މިއަދުއެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އިއުލާނުކުރި ފައިނަލް ސްކޮޑުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރެއާލްގެ އެއްވެސް ކުޅުންތެރިޔަކު ނުހިމެނުމެވެ. ކޮލިފިކޭޝަންގައިވެސް ސްޕެއިން ޓީމުން ފެނުނި ޑެނީ ކަވަހާލްއާއި ޑީން ހައުސަންއަށްވެސް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ. އޭގެ އިތުރުން ކެޕްޓަންކަން ކުރަމުންދިޔަ އަލްވާރޯ މޮރާޓާއަށްވެސް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ. މޮރާޓާ މިހާރު ކުޅެމުންދަނީ އިޓަލީގެ ކޯމޯއަށެވެ.
ސްޕެއިނުން މިހާތަނަށް 16 ފަހަރު ވޯލްޑް ކަޕް ކުޅެފައިވާ އިރު، އާންމުކޮށް އެޓީމުގެ ސްކޮޑު ޑޮމިނޭޓް ކުރަމުން ދަނީ ރެއާލް ކުޅުންތެރިންނެވެ. ރެއާލުން މިފަހަރުގެ ތަށްޓަކާ ނުލާ ސީޒަން ނިންމާލި އިރު، އެޓީމުގައި މިހާރު ސްޕެއިންގެ ތަރިއެއް ފެނިގެން ނުދެއެވެ.
ޑެ ލަ ފުއެންޓޭއާއެކު ސްޕެއިނުން 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ބުނީ ސްކޮޑު ނެގުމުގައި ވަކި ކްލަބަކަށް ނުބަލައި ކަމަށާއި، ސަޕޯޓަރެއްގެ ނަޒަރުން ބަލައިގެން ވަކި ޓީމެއްގެ ކުޅުންތެރިން ޓީމުގައި ހިމަނަން އެއްވެސް ވިސްނުމެއް ނުހުންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ސްޕެއިން ސްކޮޑުގައި 18 އަހަރުގެ ލެމީން ޔަމާލް ހިމަނާފައިވާ އިރު، ބައެއް ނޫސްތައް ބުނީ ފުރަތަމަ ދެ މެޗުގައި އޭނާ ނުފެނުން ގާތް ކަމަށެވެ. އެއީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި އުޅޭތީއެވެ. އޭގެ އިތުރުން ސްޕެއިން ލީގުން ބޭރު، ޕްރިމިއާ ލީގުގައި ކުޅެމުންދާ ހަތް ކުޅުންތެރިޔަކަށްވެސް ޑެ ލަ ފުއެންޓޭ ވަނީ ސްކޮޑުން ޖާގަ ދީފައެވެ.
މިހާތަނަށް ދެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ސްޕެއިނުން އެންމެފަހުން ތަށި އުފުލައިލީ 2010 ވަނަ އަހަރުއެވެ. އޭގެފަހުން ދެފަހަރު ގަދަ 16 އަށް ދިޔަ ނަމަވެސް އެއްވުރެ ދުރަށް ދަތުރުކުރެވިފައެއް ނުވެއެވެ.
ސްޕެއިނުން މިފަހަރު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ކޭޕް ވޭޑާ ދެކޮޅަށް އަންނަ މަހު 15 ގައި ނުކުންނަ އިރު، ސައުދީ އަރަބިއާއާ ދެކޮޅަށް ނުކުންނާނީ 21 ވަނަ ދުވަހުއެވެ، ދެން ގްރޫޕް އެޗްގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. އެއީ ޖޫން 26 ގައެވެ.
ސްޕެއިންގެ ފުލް ސްކޮޑު
ގޯލްކީޕަރުން: އުނައި ސިމޮން، ޑޭވިޑް ރާޔާ، ޖޮއާން ގާސިއާ
ޑިފެންޑަރުން: މާކޮސް ލޮރެންޓޭ، މާކް ޕުބިލް، ޕެޑްރޯ ޕޯރޯ، އެމެރިކް ލަޕޯޓް، އެރިކް ގާސިއާ، ޕައު ކުބާސީ، މާކް ކުކުރޭޔާ، އެލެހާންޑްރޯ ގްރިމާލްޑޯ
މިޑްފީލްޑަރުން: ރޮޑްރީ، މާޓިން ޒުބިމެންޑޭ، މިކޭލް މެރީނޯ، ޕެޑްރީ، ގަވީ، ފަބިއަން ރުއީޒް، އެލެކްސް ބައޭނާ
ފޯވަޑުން: ޔެރެމީ ޕިނޯ، ވިކްޓޯ މުނޯޒް، މިކޭލް އޮޔަރުޒަބާލް، ފެރާން ޓޮރެސް، ލަމީން ޔަމާލް، ޑަނީ އޮލްމޯ، ނިކޯ ވިލިއަމްސް، ބޯހާ އިގްލޭސިއަސް
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026