ސާފް އަންހެން މުބާރާތަށް ރާއްޖެއިން ކުރިމަތިލާ އިރު، ރަނގަޅު ލީގު ސިސްޓަމެއް ނެތުމާއި ވާދަވެރި މެޗުތަކެއް ނުލިބި މުބާރާތަށް ދާން ޖެހުމަކީ އަދިވެސް ގޮންޖެހުމެއް ކަމަށް ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިޔާ ހައްވާ ހަނީފާ ބުނެފިއެވެ.

ރާއްޖޭން 2016 ވަނަ އަހަރު އަންހެން ސާފް ޗެމްޕިއަންޝިޕް ސެމީއަށް ދިޔަ ނަމަވެސް، އެންމެފަހުން 2024 ވަނަ އަހަރު ކުޅުނު މުބާރާތުގައިވެސް ބޮޑެތި ނަތީޖާތަކުން ބަލިވިއެވެ. އެގޮތުން ނޭޕާލް ކައިރިން 11-0 އިން ބޫޓާން ކައިރިން 13-0 އިން ބަލިވިއެވެ.

މިއަހަރުގެ މުބާރާތް މިއަދު އިންޑިއާގެ ގޯއާގައި ފަށާ އިރު، މުބާރާތް އޮންނާނީ މާގޯގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. ގްރޫޕް އޭގައި ބޫޓާނާއި ނޭޕާލް އަދި ސްރީ ލަންކާ ހިމެނޭ އިރު، ރާއްޖެ ހިމެނެނީ އެންމެ ވަރުގަދަ ދެ ގައުމު ކަމަށްވާ އިންޑިއާއާއި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ. އެ ދެގައުމަކީ މިހާތަނަށް ސާފް އަންހެން މުބާރާތް ކާމިޔާބުކޮށްފައިވާ ހަމައެކަނި ދެޓީމެވެ. އިންޑިއާއިން 2010، 2012، 2014 އަދި 2016 އާއި 2019 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އިރު، 2022 ވަނަ އަހަރާއި 2024 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރީ ބަންގްލަދޭޝްއެވެ.

"އަނެއްހެން ބުނަންޏާ ތައްޔާރުވާކަށް އެންމެ އެކށީގެންވާ ވަގުތެއް ނުލިބޭ. މި ލިބުނީ މަހެއްހާ ދުވަސް. ދެން އެ ލިބުނު ދުވަސްތަކުގައި ރަނގަޅަށް ތައްޔާރުވެގެން ފުރަތަމަ މިއޮތް ވަރުގަދަ ދެމެޗުން ނަތީޖާ ރަނގަޅުކުރެވޭތޯ އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ. އަސްލު މަޑުމަޑުން އިމްޕްރޫވްވޭ. އެކަމަކު ވަގުތު ނަގާނެ. ދެން ކުރިއަށް މިއޮތީ ވަރަށް ވަރުގަދަ ދެޓީމު. ދެން ކުރެވުނު ހުރިހާ މަސައްކަތެއް އެދެމެޗުގައި ކުރާނަން. އަދި މާޖިން ކުޑަކޮށްލަން މަސައްކަތް މިކުރަނީ،" ހަނީފާ އިންޑިއާއަށް ފުރުމުގެ ކުރިން "ވަން ސްޕޯޓްސް އެމްވީ"އަށް ދިން އިންޓަވިއުގައި ބުންޏެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ސާފް އަންހެން މުބާރާތަށް ފުރުމުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހަނީފާ ބުނީ ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް އަދިވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ލީގު ސިސްޓަމެއްގެ ތެރެއިން ވާދަވެރި މެޗުތައް ނުލިބުން އެއީ ގޮންޖެހުމެއް ކަމަށެވެ.

"އަސްލު މިވާގޮތަކީ ފިރިހެން ޓީމުތަކަށް މިއޮންނަ ލީގު ސިސްޓަމް އަދި ރާއްޖޭގެ އަންހެން ޓީމަކަށް ނެތް. އެއީ އުނދަގޫވާ ތަންކޮޅެއް. އަނެއްހެން މުބާރާތަށް ދާއިރު އެކުވެރިކަމުގެ މެޗުތައް ނުލިބުންވެސް އެއީ ދިމާވާ ޗެލެންޖެއް. ޓީމު ދެން މި ކަންކަމުން އޯވާކަމް ކުރަން މި މަސައްކަތް ކުރަން ޖެހެނީ ޓީމު އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން،" ހަނީފާ ބުންޏެވެ.

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ނަމުގައި މިދިޔަ އަހަރު އެފްއޭއެމްއިން މުބާރާތެއް ބޭއްވިއެވެ. އެއީ 2014 ވަނަ އަހަރަށްފަހު އަންހެން އެންމެ މަތީ ފަންތީގެ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ޖުމުލަ ހަ ޓީމަކުން ލީގު އުސޫލުން މުބާރާތް ކުޅެފައިވެއެވެ.

ރާއްޖޭން މިފަހަރު މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެއީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ.