ނަޕޯލީން ސީޒަނުގައި ކުޅުނު ފަހު މެޗަށްފަހު އެންޓޯނިއޯ ކޮންޓޭ، އެ ކްލަބުގެ ކޯޗުކަމުން ދުރަށް ޖެހިލައިފިއެވެ.

އުމުރުން 56 އަހަރުގެ ކޮންޓޭ ނަޕޯލީ ދޫކޮށްލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކުރީ ރޭ ނަޕޯލީން 1-0 އިން އުޑިނޭޒީ ބަލިކުރި މެޗަށްފަހުއެވެ. އެ މެޗުގެ ހަމައެކަނި ގޯލު ޖެހީ ރަސްމުސް ހޮއިލުންޑެވެ. މެޗަށްފަހު ކޮންޓޭ ރަސްމީކޮށް ނިންމުން އިއުލާނުކުރީ ނަޕޯލީގެ ރައީސް އޮރެލިއޯ ޑެ ލޮރެންޓީސްއާއެކު ކުރިއަށްގެންދިޔަ ހާއްސަ ޕްރެސްއެއްގައެވެ.

ކޮންޓޭ ނަޕޯލީގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ސީޒަނުގައިވެސް ކޮންޓޭ ވަނީ ނަޕޯލީއަށް ލީގު ތަށި ހޯދައިދީ، އިޓަލިއަން ސުޕަ ކަޕްވެސް ކާމިޔާބުކޮށްދީފައެވެ. އަދި މިފަހަރުގެ ސީޒަން ނިންމާލީ ދެވަނަ މަގާމުގައެވެ.

ކޮންޓޭ ޕްރެސްގައި ބުނީ ކްލަބުން ދުރަށް ޖެހިލަން ނިންމީ އަމިއްލައަށް ކަމަށެވެ. އަދި ނަޕޯލީގެ ވެރިންނާއެކު އޮންނަ ގާތް ގުޅުމުގެ ސަބަބުން އަމިއްލައަށް ފޯނުކޮށް، އެކަން ފުރަތަމަ އެންގީވެސް ވެރިމީހާއަށް ކަމަށް ކޮންޓޭ ބުންޏެވެ. ކޮންޓޭ ބުނީ އޭނާއަކީ އާދައިގެ ނަތީޖާތަކުން ފުއްދާލާނެ ކޯޗެއް ނޫން ކަމަށެވެ. އަދި ކްލަބު ދޫކޮށްލަން ނިންމީ ސީޒަނުގެ ތެރެއިން ބައެއް ދަށް ނަތީޖާތަކާ ކުރިމަތިވުމުން ކަމަށް ކޮންޓޭ ބުންޏެވެ.

ކުރިން ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ހޯދައި، އިޓަލީއަށްވެސް ކޯޗުކަން ކޮށްދިން ކޮންޓޭގެ ސްކޮޑު ތެރޭގައި މައްސަލަތައް އުޅޭކަމަށް ނޫސްތަކުން ކުރިން ބުނެފައިވާ އިރު، އޭނާ ބުނީ ނަޕޯލީ އެއްގަލަކަށް އެރުވޭތޯ ކުރި މަސައްކަތް ކާމިޔާބު ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.

ނޫސްތައް ބުނީ ކޮންޓޭ ދެންވެސް ހަވާލުވުން އެންމެ ގާތީ އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމާ ކަމަށެވެ.