އައްޑޫ ސިޓީއަށް ވެފައިވާ އިހުމާލުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ މޭޔަރު އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ހިތަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

މަޖިލީހުގެ ހުސްވެފައި ހިތަދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދުގެ ކެމްޕޭން ލޯންޗުކުރުމަށް ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ސޯބެއަކީ 2008 އިން 2011 އަށް އައްޑު އަތޮޅު ތަމްސީލުކުރެއްވުމުގެ އިތުރުން ދިހަ އަހަރަށްވުރެ ގިނަ ދުވަސްވަންދެން އައްޑޫގެ މޭޔަރުކަން ކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން ސޯބެ ފުރަތަމަ ބަލިވެވަޑައިގެންނެވީ 2021 ވަނަ އަހަރު ކަމަށާއި އެފަހަރު އެމްޑީޕީން ވެސް ސޯބެއަށް ބުނެފައިވަނީ ނޫނެކޭ ކަމަށެވެ. އަދި އޭގެ ފަހުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސޯބެ ސިޔާސީ މަގާމަށް އައްޔަންކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުގައި ސޯބެ ހުންނެވީ އައްޑޫ ސިޓީގެ ތާރީހުގައި ވެސް ސިޔާސީ އެންމެ ބޮޑު މަގާމުގައި ކަމަށާއި އެއީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކަމަށެވެ. ނަމަވެސް އައްޑޫއަށް ތަރައްގީ ގެނެސްދެވިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އެބަޖެހޭ ވަށައި ބަލައިލަން މުޅި މި ސިޓީއަށް. ވަކީން ހާއްސަކޮށް އުތުރު ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް، އަޅުގަނޑުމެން އެބަޖެހޭ ވަށައި ބަލައިލަން މި ދާއިރާގެ ކަންކަން ހުރި ގޮތް. އުމްރާނީ ތަރައްގީގެ ކަންކަން ހުރި ގޮތް، އިޖުތިމާއީ ތަރައްގީގެ ކަންކަން ހުރި ގޮތް، އިގުތިސާދީ ތަރައްގީގެ ކަންކަން ހުރި ގޮތް. ވަރަށް ބޮޑަށް އިހުމާލުވެފައި މިއޮތީ. ވަރަށް ބޮޑަށް އިހުމާލުވެފައި މި ސިޓީއަށް، މި ދާއިރާއަށް ވަކީން ހާއްސަކޮށް. މި އިހުމާލުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ އަބްދުﷲ ސޯދިގު. އަޅުގަނޑު ނޫނަސް މިކަމާ އެއްބަސްވެވަޑައިގަންނަވާނެ،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވިޔަސް، ސޯބެއަށް ރައްޔިތުންނަށް ހިދުމަތް ފުރުސަތު ނުލިބޭނެކަން މަންޒަރުތަކުން އެނގިގެން ގޮސްފައިވާ ކަމަށާއި ސޯބެއަށް އެންމެ ބޮޑަށް ޑިމާންޑުކުރާނީ ސަރުކާރު ވައްޓާލުމުގެ މަސައްކަތުގައި އުޅުއްވުމަށް ކަމަށެވެ.