ވ. އަތޮޅު އަލިމަތާ ކޭވްއަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު، ބޭނުންވާ އިތުރު ތަހުގީގުތައް ފުރިހަމަކުރުމަށްޓަކައި މިރޭ އެ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ތަހުގީގަށްފަހު ތައްޔާރުކުރާ ރިޕޯޓު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑައިވަރުން މަރުވި ހާދިސާގައި ތަހުގީގަށް ބޭނުންވެދާނެކަމަށް ބެލެވޭ ހެކިތައް، މަރުވި ޑައިވަރުންގެ ހަށިގަނޑުތައް ނެގި ޑޭން ޔޫރަޕުން، ވަނީ ދިވެހި ފުލުހުންނާ މިހާރު ހަވާލުކޮށްފައެވެ.
ޑޭން ޔޫރަޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޑައިވަރުން ބޭނުންކުރި ސާމާނުތައް މޫދު އަޑިން ނެގުމަށްފަހު ފުުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ޑޭންއިން ބުނީ ރެސްކިޔު ޓީމުގެ ފަރާތުން އެންމެ ފަހު ޑައިވް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އެ ޑައިވްކުރީ ކަނޑު އަޑީގައި ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމުގެ ގޮތުން ކަމަށެވެ. އެ ޑައިވުމުގައި ޑައިވަރުންވަނީ ހޮހަޅަ ތެރޭގައި ތިން ގަޑިއިރު ހޭދަކޮށްފައިކަމަށް ޑޭންއިން ބުންޏެވެ.
އިއްޔެގެ ޑައިވްގެ ތެރެއިން ރިކަވަރީ ފޭސްގައި ބޭނުންކުރި ވަގުތީ ގައިޑްލައިންތަކާއި، އޮޕަރޭޝަނަލް ރިފަރެންސްތަކާއި ބޭނުންކުރި ސާމާނުތައް ނަގާފައިވާ ކަމަށެވެ. އަދި ޑައިވަރުން މަރުވި މައްސަލައިގެ ތަހުގީގަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި، އެ ތަކެތި ހޯދުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ޑޭން ޔޫރަޕުގެ ސީއީއޯ ލޯރާ މަރޯނީ މީގެކުރިން ވިދާޅުވެފައިވަނީ ޑައިވިން ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން މަރުވާން މެދުވެރިވީ، ހޮހަޅައިގެ ތެރޭގައި މަގު އޮޅި، ކޮޅުބެދިފައިވާ ބަޔަކަށް ވަދެވުމުން ކުރިމަތިވި ހާސްކަމުގެ ތެރޭގައިކަމަށް ބެލެވޭ ކަމަށެވެ.
މަރޯނީ ވިދާޅުވެފައިވަނީ ހޮހަޅައިގެ ދެވަނަ ބަޔަށް ވަދެ ބަލައިލާއިރު ނުކުމެވޭނެ މަގު އޮޅޭ ގޮތްވާ ކަމަށެވެ. އެއީ މަގާ ދިމާލުން ވެލި އުސްކޮށް އެޅިފައި ހުރުމުން، ދެވަނަ ބައިގެ ތެރޭގައި ތިބެގެން ބަލާއިރު ނުކުމެވޭނެ މަގު ނުފެންނާތީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މަރޯނީ ލަފާކުރައްވާ ގޮތުގައި، ޑައިވަރުންނަށް ނުކުމެވޭނެ މަގު ނުފެނިގެން ހާސްކަމުގެ ތެރޭގައި އިތުރަށް އެތެރެއަށް ދެވުނީއެވެ. އެގޮތުން އެ މީހުންނަށް ވަދެވުނީ ހޮހަޅައިގެ ތިންވަނަ ބަޔަށެވެ. އެއީ އެއްވެސް ދިމާލަކުން ނުކުމެވޭނެ ގޮތެއް ނެތް، ކޮޅުބެދިފައިވާ ތަނެކެވެ.
މި ހާދިސާގައި މަރުވި މޮނިކާ މޮންޓެފަލްކޯން (52އ) އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް (20އ) ގެ އިތުރުން މުރިއެލް އޮޑެނީނޯ (31އ) އާއި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) ގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ އެންމެ ފަހު ބައިގެ ދޮރުމަތިން، ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. މި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބުދަ ދުވަހު ނަގާފައިވާއިރު، އަނެއް ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މި ގްރޫޕުގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) ގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ޑައިވަރުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ. އަދި 40 މީޓަރަށް ވުރެ އަޑިއަށް ފީނުމުގެ ހުއްދަ އޮތް ނަމަވެސް، ހުއްދަ ނެތް ދެ މީހަކު ޓީމުގައި ހިމެނޭ ކަމަށާއި، އެ މީހުން ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައި ނުވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަރޯނީ ވިދާޅުވެފައިވާ ގޮތުގައި، ޑައިވަރުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލިޓަރުގެ އޮކްސިޖަން ފުޅިއެވެ. މިއީ އެހާ ފުނަށް ފީނާއިރު ކަމެއް ދިމާވެއްޖެ ނަމަ، އެކަށީގެންވާ ވަގުތު ލިބޭނެ މިންވަރެއް ނޫނެވެ. މަގު އޮޅި، ވައި މަދުވާން ފެށުމުން ކުރިމަތިވާ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި އަވަސްއަވަހަށް ނޭވާލެވުމުން، ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ވައި ހުސްވެދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެފައިވެއެވެ. މި ހިތާމަވެރި މަސައްކަތުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، ޑައިވަރުންގެ ކެމެރާތަކުން ލިބޭ މައުލޫމާތުން މިކަން ހިނގައިދިޔަ ގޮތް އިތުރަށް ސާފުވާނެ ކަމަށް ބެލެވެއެވެ.ސެަ
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް