އިންޑިއާގެ ބޯޕާލްގައި އުމުރުން 33 އަހަރުގެ ޓްވިޝާ ޝަރްމާ މަރުވި މައްސަލައިގައި، އޭނާގެ ފިރިމީހާއާއި މައިދައިތަގެ މައްޗަށް ދައުވާކޮށް، މުޅި ގައުމުގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. މެއި 12 ވަނަ ދުވަހު އޭނާގެ ފިރިމީހާގެ ގޭގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު މި ހާދިސާއަކީ، އިންޑިއާގައި އާންމުކޮށް ހިނގާ "ޑައުރީ" ނުވަތަ ކައިވެންޏަށް ފަހު ފިރިމީހާގެ އާއިލާއިން އަންހެންމީހާގެ އަތުން މުދަލާއި ފައިސާއަށް އެދި ކުރާ ގޯނާގެ ސަބަބުން ހިނގި ކަމެއް ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.
އިންޑިއާގައި މިފަދަ މަރުތައް ގިނަ ނަމަވެސް، މި މައްސަލައަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނީ ޓްވިޝާއަކީ ކުރީގެ "މިސް ޕޫނޭ" މުބާރާތުގައި ވާދަކޮށްފައިވާ މޮޑެލްއަކަށް ވުމާއި، އޭނާގެ މައިދައިތަ ގިރިބާލާ ސިންގް އަކީ ރިޓަޔާކޮށްފައިވާ ފަނޑިޔާރަކަށް ވެފައި، ފިރިމީހާ ސަމަރްތު ސިންގް އަކީ ގާނޫނީ ވަކީލަކަށް ވުމުންނެވެ. ޑޭޓިން އެޕްލިކޭޝަނެއް މެދުވެރިކޮށް ދިމާވެ، ޑިސެމްބަރު 2025 ގައި ކައިވެނިކުރި މި ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި، ޓްވިޝާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ޓްވިޝާ ބަލިވެއިން ނަމަވެސް، ފިރިމީހާގެ އާއިލާއިން މަޖުބޫރުކޮށްގެން ވަނީ ދަރިފުޅު ވައްޓާލާފައެވެ.
ބޯޕާލްގެ ޕޮލިސް ކޮމިޝަނަރު ސަންޖޭ ކުމާރު ވިދާޅުވި ގޮތުގައި، ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކަނީ ޓްވިޝާ މަރުވީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް، އާއިލާގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން އަންނަނީ މިއީ އަމިއްލައަށް މަރުވުމަށް މަޖުބޫރުކުރުވި ހާދިސާއެއްތޯ ތަހުގީގުކުރަމުންނެވެ. ފުލުހުން ވަނީ ފިރިމީހާއާއި މައިދައިތަގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ. މައިދައިތައަށް ކޯޓުން ކަފާލާތު ދީފައިވާއިރު، ފިރިމީހާ ވަނީ ފިލައިފައެވެ. އޭނާ ހޯދަން ފުލުހުން ވަނީ 10،000 ރުޕީސްގެ އިނާމެއް ހުށަހަޅައިފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މަރުވި ދުވަހުގެ ހެނދުނު 7:20 ހާއިރު ޓްވިޝާ އެކަނި ޓެރަސްއަށް އަރައެވެ. އޭގެ ގަޑިއިރެއް ފަހުން، ފިރިމީހާއާއި އިތުރު ބަޔަކު އޭނާއަށް ސީޕީއާރު ދޭން މަސައްކަތްކުރާ މަންޒަރު ފެނެއެވެ.
ޓްވިޝާގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑުގެ ދެވަނަ ޕޯސްޓްމޯޓަމެއް ހެދުމަށް އެދި ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް ބޯޕާލްގެ ޑިސްޓްރިކްޓް ކޯޓުން ވަނީ އެކަން މަނާކޮށް، ހަށިގަނޑު މައިނަސް 80 ޑިގްރީ ސެލްސިއަސްގައި ރައްކާތެރިކޮށް ބޭއްވުމަށް އަންގައިފައެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ޓްވިޝާގެ މައިދައިތަގެ ނުފޫޒު ބޭނުންކޮށްގެން މައްސަލައިގެ ހެކި ނައްތާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އިންޑިއާގެ ނޭޝަނަލް ކޮމިޝަން ފޯ ވިމެން (އެންސީޑަބްލިއު) އިން ވަނީ މައްސަލައިގެ ތަފްސީލީ ރިޕޯޓެއް ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް މަދިޔަ ޕްރަދޭޝްގެ ސަރުކާރަށް އަންގައިފައެވެ.
މި ހާދިސާއާ ގުޅިގެން އާންމުން ވަނީ މަދިޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރުގެ ގެކޮޅު ކައިރީގައި މުޒާހަރާކޮށްފައެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ އިންޑިއާގައި މުއްސަނދި އަދި ނުފޫޒު ގަދަ އާއިލާތަކުގެ ތެރޭގައިވެސް "ޑައުރީ" ގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކުގެ ހެއްކެކެވެ.
އިންޑިއާގެ ނޭޝަނަލް ކްރައިމް ރިކޯޑްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުވެސް ދިއްލީން އެކަނި 111 ޑައުރީ މަރުގެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ފިރިމީހާގެ އާއިލާއިން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ޓްވިޝާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ބުނެ ތުހުމަތުތަކެއް ކުރި ނަމަވެސް، އާއިލާއިން ވަނީ އެކަން ދޮގުކޮށްފައެވެ. މަރުވުމުގެ ކުރިން ޓްވިޝާ އޭނާގެ ރައްޓެއްސަކަށް ފޮނުވި މެސެޖެއްގައި، އޭނާ ހުރީ ތާށިވެފައި ކަމަށާއި، އެހެން މީހަކު އެފަދަ މަޅިއެއްގައި ނުޖެހުމަށް އެދިފައިވެއެވެ. މި މައްސަލައިގެ ތަހުގީގަށް ހާއްސަ ޓީމެއް އެކުލަވައިލައިފައިވާއިރު، މިއީ އިންޑިއާގެ ގާނޫނީ ނިޒާމަށާއި، ނުފޫޒުގަދަ ފަރާތްތަކާ ދެކޮޅަށް އިންސާފު ހޯދުމަށް އޮތް ބޮޑު އިމްތިހާނެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ