ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތަކައް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެ ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަނޑައަޅާ ހާލަތްތުގައި ޕެންޝަން ފައިސާ ދޫކުރެވޭގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ އިސްލާހު ރައީސް ތަސްދީގުކުރައްވާފައިވަނީ މިއަދު ކަަމަށެވެ. ރައީސް އެ ބިލު ތަސްދީގުކުރައްވައި، ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވުމުން، އެ އިސްލާހަށް މިހާރު އަމަލުކުރަން ފަށާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބިލަކީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުންނެވެ.
ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރެވޭ ހާލަތްތަކުގެ ގޮތުގައި އެ ބިލުގައި ބުނެފައިވަނީ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ހަރަދު ކުރުމަށް ދޫކުރެވޭނީ، ޕެންޝަން ސްކީމްގެ ބައިވެރިޔަކު ޓާމިނަލް އިލްނެސް ހާލަތެއްގައި އޭނާގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ރައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، އެ އެކައުންޓްގައި ޖަމާވެފައި ހުރި ފައިސާ އެފަރާތަކަށް ދޫކުރެވިދާނެ ކަމަށެވެ.
"ޓާމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބިލުގައި ބުނެފައިވަނީ، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައިވިޔައް 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް، އެފަދަ ބައްޔަކާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްކަމަށްވެސް ބިލުގައި ވެއެވެ.
ގާނޫނަށް އިތުރުކުރަން ބިލްގައިވާ މާއްދާތަކުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަ ނުވިނަަމަވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް، އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ހައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ.
ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 ޕަސަންޓް ދައްކައިފި ނަމަ، ބާކީ 80 ޕަސަންޓް ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތް ހެދުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު