އެޗްޑީސީއާ އެކު 2014 ވަނަ އަހަރު ވި އެއްބަސްވުމެއްގެ ދަށުން ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ކުރިއަށްގެންދަން ނިންމި "އެގްރީމެންޓް ފޮ ދި ޑިވެލޮޕްމަންޓް އެންޑް ސޭލްސް އޮފް 3000 ހައުސިން އުނިޓްސް އެންޑް އޮފީސް ކޮމްޕްލެކްސް އިން ހުޅުމާލެ" ޕްރޮޖެކްޓްގެ ދަށުން ފްލެޓް ވިއްކަން ހުޅުވައިލި ފުރުސަތުގައި އެތަނުން އެޕާޓްމެންޓް ގަތުމަށް ދެއްކި ބުކިންފީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ ނައިބު ރައީސް ސ. ހިތަދޫ ފިތުރޯނުގެ މަސްތޫރު ހުސްނީއަށް ދިނުމަށާއި، "ވިނަރެސް" އިން އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތުދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުންވެސް ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ސ. ހިތަދޫ ފިތުރޯނުގެ މަސްތޫރު ހުސްނީ އާއި މަރީރު މުހައްމަދު ހުސްނީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ.
މި މައްސަލައިގައި އެ ފަރާތުން އިސްތިއުނާފް ކޮށްފައިވަނީ ސިވިލް ކޯޓުން ކުރި ހުކުމެއް ބާތިލް ކުރުމަށެވެ.
ސީލައިފް އިން ވިއްކަން ހުޅުވާލި އެޕާޓްމަންޓް ތަކުގެ ތެރެއިން ތިން އެޕާޓްމަންޓަކަށް މަސްތޫރު ހުސްނީގެ ނަމުގައި ބުކިންފީ ދައްކާފައި ވަނިކޮށް، އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމާ ގުޅިގެން، ސީލައިފްއަށް ބުކިންފީ ދެއްކި އެތައް ސަތޭކަ ފަރާތަަކަށް ގޮތެއް ހޯދައިދިނުމަށް ޓަކައި "ވިނަރެސް" އެޕާޓްމަންޓްތަކުން އެޕާޓްމަންޓް ގަތުމަށް 19 އޮކްޓޫބަރު 2021 ގައި ފުރުސަތު ހުޅުވައިލިއެވެ.
އެޗްޑީސީން އެ ފުރުސަތު ހުޅުވައިލީ، ސީލައިފަށް ބުކިންފީ ދެއްކި ފަރާތްތަކުގެ ތެރެއިން ރިފަންޑް ބޭނުންވެގެން އެޗްޑީސީން ރިފަންޑް ދިން ފަރާތްތައްވެސް ހިމެނޭ ގޮތަށެވެ.
އެ ފުރުސަތުގެ ދަށުން ރިފަންޑް ނުނަގާ ފަރާތްތަކުން ސީލައިފަށް ބުކިންފީ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން 28 އޮކްޓޫ ބަރު 2021 ގެ ކުރިން މެއިލް ކުރުމަށްފަހު ރަޖިސްޓަރީކުރުމަށް 19 އޮކްޓޫބަރު 2021 ގައި އެޗްޑީސީން އިއުލާނަކުން އެންގިއެވެ.
އެ ކަމާ ގުޅިގެން ސީލައިފަށް ބުކިންފީ ދެއްކި ދެ އެޕާޓްމަންޓްގެ ބަދަލުގައި "ވިނަރެސް" އިން ދެ އެޕާޓްމަންޓް މަސްތޫރު ހުށަހެޅިއެވެ. ނަމަވެސް އެޗްޑީސީން މަަސްތޫރަށް ފުރުސަަތު ދިނީ އެއް އެޕާޓްމަންޓް ގަތުމަށެވެ. އަދި އެ އެޕާޓްމަންޓްގެ އެގްރީމެންޓްވެސް ހެދިއެވެ.
"ވިނަރެސް" އިން އެންމެ އެޕާޓްމެންޓެއް ގަތުމުގެ ފުރުސަތު ދީފައިވާތީ، މަސްތޫރު ހުސްނީ އާއި މަރީރު މުހައްމަދު ހުސްނީ ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ "ވިނަރެސް" އިން އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތު ދިނުމަށާއި، ސީލައިފް އިން އެޕާޓްމަންޓް ގަތުމަށް އެޕާޓްމަންޓް ގަތުމަށް ދެއްކި ބުކިން ފީގެ ތެރެއިން ނުލިބިވާ ދެ އެޕާޓްމަންޓަށް ދެއްކި 100،000 ރުފިޔާގެ ތެރެއިން 50،000 ރުފިޔާ "ވިނަރެސް" އެޕާޓްމަންޓް ގަތުމުގެ ޑައުންޓް ޕޭމަންޓްގެ ގޮތުގައި ހަމަޖެއްސުމަށާއި އަނެއް 50،000 ރުފިޔާ އެއްފަހަރާ މަސްތޫރަށް ދެއްކުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގައި އެޗްޑީސީން ބުނެފައި ވަނީ، ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފައުސާހޯދަން އެދިފައި ނުވާތީ، މި ދައުވާގައި މަސްތޫރުގެ ފަރާތުން ހޯދަން އެދިފައިވާ 50،000 ރުފިޔާ ދޭން ނުޖެހޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ މަރީރު މުހައްމަދު ހުސްނީ އަކީ މަސްތޫރު މެދުވެރުކޮށް ސީލައިފަށް ފައިސާ ދައްކާފައިވާ ފަރާތެއް ކަމަށް ބުނެ މަސްތޫރު އެދިފައިވަނީ ދެވަނަ އެޕާޓް މަންޓް ގަތުމުގެ ފުރުސަތު އޭނާއަށް ދޭން ކަމަށާއި، ނަމަވެސް ފައިސާގެ ރަސީދު ހުށަހަޅާފައިނުވާތީ އާއި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލި މުއްދަތުގައި ހުށަހަޅާފައި ނުވުމާއި "ވިނަރެސް" ބާކީ އެޕާޓްމަންޓެއް ނެތުމުން ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.
މި މައްސަލައިން ފާހަގަ ކުރެވުނު ކަންތައްތަކަށް ރިއާޔަތްކުރާ އިރު، މަސްތޫރާއި މަރީރުގެ ފަރާތުން އެދިފައިވާ ފަދައިން "ވިނަރެސް" އިން އެޕާޓްމަންޓެއް ގަތުމަށް މަރީރުއަށް އެޗްޑީސީއިން ފުރުސަތު ދޭންޖެހޭ ކަމަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި، ސީލައިފަށް ބުކިންފީގެ ގޮތުގައި ދެއްކި ފައިސާގެ ރިފަންޑް ހޯދުމަށް އެޗްޑީސީން ދިން ފުރުސަތާ އެއްގޮތަށް މަސްތޫރު އަމަލު ކޮށްފައިވާކަން ސާބިތު ނުވާތީ، އެ ފައިސާ މަސްތޫރަށް ދެއްކުމަށް އެޗްޑީސީއަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.
ނަމަވެސް އެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.
އެފަރާތުން ހައިކޯޓުގައި އެދުނީ ސވިލް ކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށެވެ.
ނަމަވެސް އިއްޔެ ހައިކޯޓުން ހުކުމްކުރީ، ސިވިލްކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެެވެ.
އިބްރާހިމް ޒަކީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ