އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައި ތިބި ކައުންސިލަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދޭނެކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް، އޭނާގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން މިރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިންމު އެއް ރައުސްމާލަކީ ސީދާ ވޯޓަކުން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިންތިހާބުކޮށްފައި ތިބި އެމްޑީޕީގެ ކައުންސިލަރުން ކަމަށެވެ.

ނަމަވެސް، ޕާޓީގެ އުމުރުން 21 އަހަރު ވެގެންދާއިރުވެސް، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ކައުންސިލަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުގައި ބަސްބުނެވޭނެ ނިޒާމެއް އަދި އޮނިގަނޑެއް ނެތުމަކީ ހިތާމަކުރައްވާކަމެއްކަމަށް މީކާއިލް ވިދާޅުވިއެވެ.

ކައުންސިލަރުންނަށް އޮތް އެ ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން މީކާއީލް ވިދާޅުވީ، އޭނާގެ ޗެއާޕާސަން ކަމުގައި ޕާޓީގެ ކޮންގްރެސްއަށް އިސްލާހު ހުށަހަޅައިގެން އެކަން ބަދަލުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މިއަންނަނީ އެ އޮނިގަނޑު ގެނެސް، ކޮންގްރެސްއިން އެ އިސްލާހާއެކު ތިބޭފުޅުންނަށް ގައުމީ މަޖިލީހުގައި ބަސްކިޔޭނެ ޖާގަ މި ޕާޓީން ހޯދައިދޭން. ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅު ގަމާ ހަމައަށް އަޅުގަނޑުމެންގެ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިތިބި ކައުންސިލަރުންނަށް ގައުމީ މަޖިލީހުގައި ބަސްކިޔޭނެ ނިޒާމެއް އަޅުގަނޑު ގާއިމުކޮށްދޭނަން،" މީކާއީލް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ރަށްރަށުގެ ގޮފިތަކާއި ދާއިރާތަކާ މައި އޮފީހާ ދެމެދު އޮންނަ ގުޅުން އިންތިހާބެއް އޮތަސް އަދި ނެތަސް ދަމަހައްޓާނެކަމަށް މީކާއިލް ވިދާޅުވިއެވެ.