ރާއްޖޭ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އިނގިރޭސިވިލާތުގެ ޕައުލް ސްމޯލީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ފީފާއަށް ހުށަހެޅި މައްސަލަ، އެފްއޭއެމް ކޮޅަށް ނިންމައިފިއެވެ.

ސްމޯލީ ރާއްޖޭގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވީ 2023 ވަނަ އަހަރުއެވެ. އެއީ ބަންގްލަދޭޝްގެ މަގާމު ދޫކޮށްލުމަށްފަހުއެވެ. އެފްއޭއެމްގެ ރައީސަކަށް ބައްސާމް އަދީލް ޖަލީލް ހަވާލުވެ ހުންނެވި އިރު، ސްމޯލީއާ މަގާމު ހަވާލުކޮށްފައިވާ އިރު، އޭނާގެ ފުރަތަމަ ދުވަސްތައް ހޭދަކުރީވެސް ރާއްޖޭން ބޭރުގައެވެ. އޭނާ ރާއްޖޭގެ ޓެކްނިކަލް ޑިރެކްޓަރަކަށް އައްޔަން ކޮށްފައި ވަނީ ގަތަރު އެފްއޭއިން މުސާރަ ދޭ ގޮތަށެވެ.

ސްމޯލީއާއެކު އެއްބަސްވުން ހެދީ އަހަރަކުން އަހަރަކަށް އާކުރާ ގޮތަކަށެވެ. އެހެން ނަމަވެސް އެއީ ޖުމުލަ ހަތަރު އަހަރުގެ ޕްރޮޖެކްޓެއްގެ ދަށުން ކަމަށް އޭރު އެފްއޭއެމްއިން ބުންޏެވެ. ސްމޯލީއާ ހަވާލުކުރި މަސައްކަތްތައް ނުކުރެވި، އަހަރެއްފަހުން އޭނާ ވަނީ މަގާމު ދޫކޮށްލައިފައެވެ.

އެފަހަރު މަގާމު ދޫކޮށްލައި، ފީފާއަށް މައްސަލަ ހުށަހެޅި ހަތަރު އަހަރަށް ދޭން ޖެހޭ މުސާރައާއި ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން ލޯޔަރު ފީއަށްވާ ފައިސާވެސް ހޯދުމަށެވެ. އެއީ 1.2 މިލިއަން ޑޮލަރުގެ ބަދަލެކެވެ.

އެ މައްސަލަ ފީފާގެ ޓްރައިބިއުނަލްގެ ޕްލޭޔާސް ސްޓެޓަސް ޗެމްބާއިން ނިންމާފައި ވަނީ އެފްއޭއެމް ކޮޅަށް ކަމަށް މިއަދު އެ އިދާރާއިން ބުންޏެވެ. އެފްއޭއެމްއިން ބުނީ އެ ބަދަލު ދޭން ނުޖެހި ސަލާމަތްވުން އެއީ ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ހާއްސަކޮށް ފުޓުބޯޅަ އޮތް ހާލަތުން އިތުރު ހަރަދުތަކެއް ނުގޮސްވާނެ ނިންމުމެއް ކަމަށެވެ.

އެފްއޭއެމްއިން ބުނީ މިހާރުގެ ހިންގުންތެރިން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ހަރުދަނާ ގަވަނަންސް ނިޒާމެއްގެ ތެރެއިން ކަންކަން ރޭވުމަށް ކަމަށާއި، ފައިސާގެ ހާލަތުވެސް ދުރު ރާސްތާ ޕްލޭނަކަށް އިންވެސްޓް ކުރުމަށް ކަމަށެވެ.