އުތުރު އެމެރިކާގައި އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026، އިންޑިއާއަށް ދެއްކޭނެ ގޮތެއް ހޯދުމަށް، އެކަމުގެ މަޝްވަރާތަކަށް ފީފާގެ ޓީމެއް އެގައުމަށް ދާން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެގައުމު ކަމަށްވާ ޗައިނާއާއި އިންޑިއާއަށް ވޯލްޑް ކަޕް ނުފެނިދާނެކަމުގެ ބިރު، މީގެ ދެތިން ދުވަސް ވަންދެން އޮތެވެ. އެހެން ނަމަވެސް މިހާރު ފީފާއިން ވަނީ ޗައިނާއަށް ވޯލްޑް ކަޕް ދެއްކުމުގެ ބޮޑު އެއްބަސްވުމެއްގައި އެގައުމުގެ ސަރުކާރު ޓީވީއާއެކު ސޮއިކޮށްފައެވެ.

ޗައިނާގެ މައްސަލައަށް ހައްލެއް ލިބުނު ނަމަވެސް، އަދިވެސް އިންޑިއާގެ އެއްވެސް ކުންފުންޏަކާއެކު ފީފާއަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އިންޑިއާއަށް ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަތުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ކުންފުންޏަކީ ރިލައިންސް އަދި ޑިސްނީ ހިއްސާވާ ޖޮއިންޓް ކުންފުންޏެކެވެ. އެ ކުންފުނިން ވޯލްޑް ކަޕްގެ ރައިޓްސް ގަންނަން ހުށަހެޅި އަގަކީ 20 މިލިއަން ޑޮލަރެވެ. އެއީ ފީފާއިން ޑިމާންޑް ކުރާ އަގުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ކުޑަ އަގެކެވެ.

ފީފާއިން ސޮނީއާއެކު މަޝްވަރާ ކުރި ނަމަވެސް، އެ ކުންފުނިންވެސް ބިޑް ކުރަން އެއްބަސްވެފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.

ރޮއިޓާސްއިން ބުނީ ފީފާގެ ބްރޯޑްކާސްޓިން ރައިޓްސްގެ އިސް އޮފިޝަލުންތަކެއް މި ހަފުތާ ތެރޭގައި އިންޑިއާއަށް ދާނެއެވެ. އަދި އަގު ކުޑަކުރުމަށް މަޝްވަރާ ކުރާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ފީފާއިން އިންޑިއާއަށް ރައިޓްސް ވިއްކަން ފުރަތަމަ ކިޔާފައިވާ އަގަކީ 100 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް އެ އަގު ފަހުން 60 މިލިއަން ޑޮލަރަށް ކުޑަކުރިއެވެ. އެއަށްވުރެ އަގު ދަށްކުރުމަށް ފީފާއިން އަދި ހުށަހަޅާފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.

ހަބަރުތައް ބުނީ ފީފާއިން މަޝްވަރާ ކުރާނެ ކަމަށް ބެލެވެނީ ބިލިއަނަރު މުކޭޝް އަމްބާނީގެ ރިލަޔަންސް އަދި ޑިޒްނީ އެކުވެ އުފައްދާފައިވާ ކުންފުންޏާ ކަމަށެވެ.

އިންޑިއާގެ އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓް ކަމަށްވާ އިރު، އެއީ ގާތްގަނޑަކަށް 492 މިލިއަން ސަޕޯޓަރުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، ފުޓުބޯޅަ ސަޕޯޓަރުންގެ އަދަދަކީ 85 މިލިއަނެވެ. 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ޓީވީ ވިއުވާޝިޕްގެ 2.9 ޕަސެންޓަކީ އިންޑިއާއެވެ.