މެންޗެސްޓާ ސިޓީގެ ތާރީހު ދުށް އެންމެ މޮޅު ކޯޗު، ޕެޕް ގާޑިއޯލާ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.

ބީބީސީ ސްޕޯޓްސްއިން ބުނީ، ގާޑިއޯލާގެ އެއްބަސްވުމުގައި ބާކީ ސީޒަނެއް އޮތް ނަމަވެސް، މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ބޭނުންވާކަން އޭނާ އަންގާފައިވާ ކަމަށެވެ. ސީޒަނުގެ ތެރެއިން އެ ސުވާލަށް ޖަވާބު ނުދިން ނަމަވެސް، ކޯޗުންނާއި ކުޅުންތެރިންނަށްވެސް އެކަން ގާޑިއޯލާ އަންގާފައިވާ ކަމަށްވެސް ބައެއް ނޫސްތައް ބުނެއެވެ.

ސިޓީން މިހާތަނަށް މި ސީޒަނުގައިވެސް ލީގު ކަޕާއި އެފްއޭ ކަޕް ހޯދާފައިވާ އިރު، ޕްރިމިއާ ލީގު ހޯދަން އަދި ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެއީ އާސެނަލް ފަހުމެޗުގައި ޕޮއިންޓް ގެއްލުވާލައިފި ނަމަ އެކަންޏެވެ.

ހަބަރުތައް ބުނީ އެސްޓަން ވިލާއާ ދެކޮޅަށް މިސީޒަނުގެ ލީގުގައި ސިޓީން ކުޅޭ ފަހު މެޗަކީ، ގާޑިއޯލާ ކްލަބަށް ކޯޗުކަން ކޮށްދޭނެ ފަހު މެޗު ކަމަށާއި، އެމެޗަށްފަހު އަލްވަދާއެއް އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގާޑިއޯލާ ސިޓީއަށް ދިޔައީ އޭގެ ކުރިން ބާސެލޯނާއާއި ބަޔާން މިއުނިކްގައިވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. ސިޓީގައި މިވީ 10 އަހަރު ތެރޭގައި 20 ތަށި ހޯދާފައިވެއެވެ. އޭގެ ތެރޭގައި 17 ބޮޑެތި ތަށި ހިމެނެއެވެ.

ސިޓީން ގާޑިއޯލާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގު ހަފަހަރަށް ހޯދައި، ޗެމްޕިއަންސް ލީގާއި ތިން އެފްއޭ ކަޕް، ފަސް ލީގު ކަޕް ހޯދާފައިވެއެވެ.

ގާޑިއޯލާއަކީ މިފަހުގެ ތާރީހުގައި ދުނިޔޭގެ ފުޓުބޯޅަ ދުށް އެންމެ ކާމިޔާބު އެއް ކޯޗުވެސް މެއެވެ. ގާޑިއޯލާގެ ބަދަލުގައި ސިޓީން ގެންދަން މަސައްކަތް ކުރަނީ ކުރިން ޗެލްސީއަށް ކޯޗުކަން ކޮށްދިން އެންޒޯ މަރެސްކާ ކަމަށްވެސް ނޫސްތައް ބުނެއެވެ.