އުތުރު އެމެރިކާގެ ތިން ގައުމެއްގައި އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް 2026 އަށް ބްރެޒިލުން އިއުލާނުކުރި 26 ކުޅުންތެރިން ފައިނަލް ސްކޮޑުގައި ނޭމާ ހިމަނައިފިއެވެ.

ނޭމާއަކީ ބްރެޒިލް ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެއީ 79 ގޯލާއެކުގައެވެ. 2023 ވަނަ އަހަރު ފަހުން އޭނާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ ބްރެޒިލުން މިފަހަރު ވޯލްޑް ކަޕަށް ނުކުންނާނީ ފަހުގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު، އެންމެ ތަޖުރިބާކާރު އެއް ކޯޗު އެންޗެލޮޓީއާ އެކުގައެވެ. އެންޗެލޮޓީ މިރޭ ސްކޮޑު އިއުލާނު ކޮށްފައިވާ އިރު، ނޭމާއާ ދޭތެރޭ ނިންމާނެ ގޮތަކަށް މުޅި ފުޓުބޯޅަ ދުނިޔެ ތިބީ އިންތިޒާރެއްގައެވެ.

ނޭމާ ގައުމީ ސްކޮޑަށް ނެގުމަށް ބައެއް ކުޅުންތެރިންވެސް ކުރިން އެދިފައިވާ އިރު، އެންޗެލޮޓީ ބުނީ އެ މައްސަލައެއް ކަމަށް ނުބަލާ ކަމަށެވެ. ހާއްސަކޮށް ނޭމާއަކީ ޓީމުގެ ރޫހާއި މުޅި ބްރެޒިލްގެ ރޫހަށްވެސް މުހިއްމު ކުޅުންތެރިޔަކަށްވާ އިރު، ޓީމު ތެރޭގެ މޯޓިވޭޝަން ރަނގަޅު ކުރުމަށްވެސް ނޭމާ މުހިއްމު ކަމަށް އެންޗެލޮޓީ ފާހަގަކޮށްފައިވެއެވެ.

ނޭމާ ބްރެޒިލްގެ ސަންޓޯސްއަށް ކުޅެމުން އަންނަ އިރު، އޭނާގެ އަނިޔާގެ މައްސަލަތަކުން ރަނގަޅު، މިހާރު ދަނީ މަޑުމަޑުން ފޯމު ރަނގަޅު ކުރަމުންނެވެ.

ނޭމާ މީގެ ކުރިން ބްރެޒިލާއެކު ތިން ވޯލްޑް ކަޕެއްގައި ކުޅެފައިވެއެވެ. 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕްގައި ފަސް މެޗުން ހަތަރު ގޯލް ޖެހި އިރު، އެ މުބާރާތުގައި ބުރަކަށްޓަށް ބޮޑު އަނިޔާއެއް ލިބިފައިވެއެވެ. އޭގެފަހުން ރަޝިއާ ވޯލްޑް ކަޕްގައިވެސް ނޭމާ ފަސް މެޗުން ދެ ގޯލް ޖެހި އިރު، އެންމެފަހުން 2022 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް ދެ ގޯލް ޖެހިއެވެ. އޭގެ ތެރޭގައި ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ ކޮޅަށް ޖެހި ގޯލްވެސް ހިމެނެއެވެ.

ނޭމާ މިހާރު ބްރެޒިލް ލީގަށް ކުޅެމުންދާ އިރު، އޭނާ ވަނީ ކުރިން ބާސެލޯނާއާއި ޕީއެސްޖީގެ އިތުރުން ސައުދީގެ އަލް ހިލާލަށްވެސް ކުޅެފައެވެ.

އެންޑްރިކްވެސް ސްކޮޑަށް، ޖުއާއޮ ޕެޑްރޯއަށް ފުރުސަތެއް ނެތް

ތަރިންގެ ބްރެޒިލުން އިއުލާނުކުރި ފުލް ސްކޮޑަށް ބަލާ އިރު، އެ ސްކޮޑުގައި ޗެލްސީއަށް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޖުއާއޯ ޕެޑްރޯގެ ނަން ހިމެނިފައެއް ނުވެއެވެ. އޭގެ އިތުރުން ޕްލިމިނަރީ ސްކޮޑަށް ނެގި ނަމަވެސް ތަޖުރިބާކާރު ތިއާގޯ ސިލްވާއަށްވެސް ފައިނަލް ސްކޮޑުން ޖާގަ ލިބިގެން ނުދިޔައެވެ.

ފޯވަޑުންގެ ގޮތުގައި އިގޯ ތިއާގޯގެ އިތުރުން އެންޑްރިކަށްވެސް އެންޗެލޮޓީ ޖާގަ ދީފައިވެއެވެ. އޭގެ އިތުރުން ބޯންމައުތުގެ ރަޔަންއަށްވެސް ސްކޮޑުން ޖާގަ ލިބިފައިވެއެވެ.

ބްރެޒިލްގެ ފުލް ސްކޮޑު

ގޯލްކީޕަރުން: އެލިސަން ބެކާ، އެޑަސަން، ވެވަޓަން

ޑިފެންޑަރުން: އެލެކްސް ސާންޑްރޯ، ބްރެމާ، ޑަނީލޯ، ޑަގްލަސް ސަންޓޯސް، ގެބްރިއަލް މަގަޅައޭސް، ރޯޖާ އިބަނޭޒް، ލެއޯ ޕެރޭރާ، މާކީނިއޯސް، ވެސްލޭ

މިޑްފީލްޑަރުން: ކަސެމީރޯ، ބްރޫނޯ ގިމަރޭޝް، ލޫކަސް ޕަކެޓާ، ފަބީނިއޯ، ޑަނީލޯ ސަންޓޯސް

ފޯވަޑުން: ވިނީޝިއަސް ޖޫނިއާ، ރަފީނިއާ، މަތެއަސް ކޫންޏާ، ގެބްރިއަލް މާޓިނެލީ، ނޭމާ، އެންޑްރިކް، އީގޯ ތިއާގޯ، ލުއިސް ހެންރިކޭ، ރަޔަން