ބްރެޒިލްގެ ވޯލްޑް ކަޕް 2026 ގެ ސްކޮޑުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުންދާ ނޭމާ، ބްރެޒިލް ލީގުގައި ރޭ ކުޅުނު މެޗުގެ ތެރެއިން، ހަތަރު ވަނަ ރެފްރީއަށް އެރިއޮޅުމަކުން އޭނާ ބަދަލު ކުރެވިއްޖެއެވެ.
ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުންދާ ސަންޓޯސްއިން ރޭ ކުޅުނު މެޗުގައި ކޮރިޓީބާ ކައިރިން 3-0 އިން ބަލިވި އިރު، އެމެޗުގެ 64 ވަނަ މިނެޓުގައި ނޭމާގެ ބަދަލުގައި ރޮބީނިއޯ ޖޫނިއާ ކުޅެން ނެރެފައިވެއެވެ.
އެ ބަދަލު ކުރެވުނީ ހަތަރުވަނަ ރެފްރީއަށް އޮޅިގެންނެވެ. ސަންޓޯސްއިން ބަދަލަށް ދިން ގަނޑުކޮޅުގައި ބާލަން ޖެހޭ ކުޅުންތެރިޔަކަށް ޖަހާފައި ވަނީ ގޮންޒާލޯ އެސްކޮބާއެވެ.
ނޭމާ ފަރުވާއެއް ހޯދުމަށް ދަނޑުން ފޭބި ވަގުތު އެ ބަދަލު ކުރަން ރެފްރީ އިޝާރާތް ކުރި އިރު، އެ ހިސާބުން ރޮބީނިއޯ ޖޫނިއާ ދަނޑަށް އެރިއެވެ. ނޭމާއަށް އޭނާ ބަދަލުކުރިކަން އެނގުނީ ފަރުވާއަށްފަހު ދަނޑަށް އަރަން އުޅުމުން ރެފްރީ ރީނދޫ ކާޑު ދެއްކުމުންނެވެ.
އެހިސާބުން ނޭމާ ރުޅި އައިސް، ސަންޓޯސްއިން ބަދަލުކުރަން ދިން ގަނޑުކޮޅު ކެމެރާއަށް ދައްކާފައިވެއެވެ. އެ ގަނޑުކޮޅުގައި އޮތީ އެސްކޮބާގެ ނަމެވެ.
ނޭމަ އެކަން ރެފްރީއަށް ސާބިތުކޮށްދޭން މަސައްކަތް ކުރި ނަމަވެސް، މެޗު ރެފްރީ އޭނާގެ ޝަކުވާ އަޑުއަހާފައެއް ނުވެއެވެ.
ސަންޓޯސްއިން ބުނީ މެޗުގެ ހަތަރުވަނަ ރެފްރީއަށް ބަދަލު އޮޅުންއެރި ކަމަށާއި، އެކަން ޔަގީން ކަމަށެވެ. އަދި އެ ގޯސް ރަނގަޅުނުކޮށް މެޗު ކުޅެން ފެށުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ސަންޓޯސްއިން ބުންޏެވެ.
ނޭމާއަށް ރޭގެ މެޗު ވެގެންދިޔައީ ބޮޑު މާޔޫސް ކަމަކަށެވެ. ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ މިހަފުތާ ތެރޭގައި ގައުމީ ޓީމުގެ ސްކޮޑު އިއުލާނުކުރަން ތައްޔާރުވެފައިވާ އިރު، ރޭގެ މެޗަކީ ނޭމާއަށް ފޯމް ސާބިތުކޮށްދޭން ލިބުނު ފަހު ފުރުސަތެވެ.
ސަންޓޯސްއަށް މި ސީޒަނުގައި ހަ ގޯލް ޖަހައި ހަތަރު އެސިސްޓް ހަދައިދީފައިވާ ނޭމާ ފިޓްވެ، މަޑުމަޑުން ރަނގަޅަށް ކުޅެމުން އައި ނަމަވެސް އެންޗެލޮޓީ ބުނީ ސްކޮޑަށް ނަގާނީ އެއްކޮށް ޔަގީންކަން ލިބުމުން ކަމަށެވެ. ނޭމާއަކީ ބްރެޒިލް ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެއީ 79 ގޯލާއެކުގައެވެ.
ނޭމާ 2023 ވަނަ އަހަރު ފަހުން ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ނޭމާ
ނޭމާ
ނޭމާ