ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާއަށް މިމަހު ނަވާރަވަނަ ދުވަހު ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ރަޝިޔާއިން ހޮނިހިރު ދުވަހު ވަނީ އިއުލާނު ކޮށްފައެވެ. ރަޝިޔާއިން މިކަން އިއުލާނުކުރީ ޗައިނާއަށް ކުރި ތިން ދުވަހުގެ ދަތުރެެއް ނިންމާލާފައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެނބުރި ގައުމަށް ދިޔަތާ އެއްދުވަސް ފަހުންނެވެ. ޓްރަމްޕު ފުރިތަނާހެން ރަޝިޔާގެ ރައީސް ޕުޓިން ޗައިނާއަށް ވަޑައިގަތުމުގެ ހިކުމަތަކީ ނުވަތަ މަގުސަދަކީ ކޮބައިހެއްޔެވެ. ރަޝިޔާގެ ރިޔާސީ ކިއްލާ ކްރެމްލިނުން ބުނާގޮތުގައި މިއީ ޗައިނާއާއި ރަޝިޔާގެ ބަދަހި ގުޅުން އައުހިސާބަކަށް އުފުލުމުގެ ގޮތުން ރައީސް ޕުޓިން ކުރައްވާ ދަތުރުފުޅެކެވެ. އިގްތިސާދާއި ވިޔަފާރީގެ ދާއިރާގައި ދެގައުމުގެ އެެއްބާރުލުން ފުޅާކުރުމަށް ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރައްވާނެއެވެ. ޕުޓިން މި ދަތުރުފުޅެއް މިކުރައްވަނީ ދެ ގައުމުގެ މެދުގައި އަވަށްޓެރިކަމުގެ ނަމޫނާ ގުޅުންތަކެއް ގާއިމުކޮށް އެއްބާރުލުމުގެ ދާއިރާތައް ފުޅާކުރުމުގެ ގޮތުން 2001 ވަނަ އަހަރު ސޮއިކުރެވުނު ތާރީޚީ އެއްބަސްވުމަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބަތާވެސް ގުޅުވައިގެންނެވެ.

ރައީސް ޓްރަމްޕު ޗައިނާއަށް ކުރިދަތުރަކީ އެމެރިކާގެ ރައީސަކު ފާއިތުވީ ގާތްގަޑަކަށް ދިހަ އަހަރުގެ ތެރޭގައި ޗައިނާއަށް ކުރި ފުރަތަމަ ދަތުރެވެ. ވަރަށް ގިނަ ކަންކަމުގައި ޗައިނާގެ އެއްބާރުލުމާއި އެހީތެރިކަން ކަށަވަރުކުރަން ޓްރަމްޕު ބޭނުންވިއެވެ. ވަރަށް ބޮޑަށެވެ. އެކަމަކު ޖުމްލަ ތިންދުވަސް ބެއިޖިންގުގައި ހޭދަކޮށްފައި ޕުޓިން ފުރައިގެން ދިޔައީ މާކަބޮޑު މިންވަރެއް ހާސިލްކުރެވުމަކާ ނުލައެވެ. ވިޔަފާރިޔާއި އިގްތިސާދީ ދާއިރާގައި ތިން ހަތަރު އެއްބަސްވުމެއް ފައިދާކުރެވުނެވެ. އެކަމަކު ބައިނަލްއަގުވާމީ މަސްރަހަށް ހިޔަނިއެޅިފައިވާ ބޮޑެތި ބޮޑެތި މައްސަލަތަކުގައި ޚިޔާލު އެއްގޮތް ކުރެވޭގޮތެއް ނުވިއެވެ. ޓައިވާނުގެ މައްސަލައިގައެވެ. އީރާނުގެ ހަގުރާމަޔާ މެދުގައެވެ. އަދި ޔުކްރޭނުގެ ހަގުރާމަޔާ މެދުގައެވެ. އެމެރިކާއިން ބޭނުންވާ މަގުން ދީލާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެއްބަސްވެވަޑައެއް ނުގަތެވެ. އެހެންވީމާ ރައީސް ޓްރަމްޕު ބެއިޖިންގުން ފުރައިގެން ދިޔައީ ހަގީގަތުގައި ވަރަށްބޮޑަށް މާޔޫސްވެ ހުރެގެންނެވެ. ރުޅިގަދަވެފައި ހުރެގެންނެވެ.

ޔުކްރޭނާއި ރަޝިޔާގެ ހަގުރާމައަށް ހަތަރު އަހަރު ފުރިގެން ފަސްވަނަ އަހަރުގެ ދުވަސްތައް މިހާރު ގުނެމުންދަނީއެވެ. މި ހަގުރާމަ ނިމުމުގެ އަލާމާތެއް އަދި ނުފެނެއެވެ. ޗައިނާގެ ރަސްމީ ސިޔާސަތަކީ މި ހަގުރާމައިގައި ވަކިއަތަކަށް ނުޖެހުމެވެ. ވަކިކޮޅެއް އިޚުތިޔާރު ނުކުރުމެވެ. އެކަމަކު އެއީ އެކަން ހަގީގަތުގައި އޮތްގޮތެއް ނޫނެވެ. މި ހަގުރާމައިގެ ކަންކަމުގައި ރަޝިޔާއަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެމުންގެންދާ ގައުމަކީ ޗައިނާއެވެ. ޚާއްސަކޮށް ރަޝިޔާގެ ހަގުރާމަމަތީ ޑްރޯން އުފެއްދުމުގެ ކާރުޚާނާ ކުރިއަށްދަނީ މައިގަޑުގޮތެެއްގައި ޗައިނާގެ ކުންފުނިތަކުގެ އެއްބާރުލުމާއެކުގައެވެ. ރަޝިޔާގެ ޑްރޯންތަކުގެ އިންޖީނު ސަޕްލައިކޮށްދެނީ ޗައިނާގެ ކުންފުނިތަކުންނެވެ. ބޭރުގައި ލޭބަލްކުރަނީ އެއީ އެއަރކޮންޑިޝަން ކަމުގައެވެ. އެކަމަކު މި އެއަރކޮންޑިޝަންތައް ވައްދަނީ ޑްރޯން ފެކްޓަރީތަކަށެވެ. ހަރުކުރަނީ ޑްރޯންތަކުގައެވެ. މިކަން ހުއްޓުވޭތޯ އެމެރިކާއިން ލައްކަ ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.

ޓްރަމްޕު މިފަހަރު ކުރި ދަތުރުގައި މިކަމާމެދު ޗައިނާގެ ރައީސް ޝީ ޖިންޕިނާއެކު ވަރަަށް ދިގުކޮށް މަޝްވަރާ ކުރިކަމަށް ޚުދު ޓްރަމްޕުވެސް ވަނީ ބުނެފައެވެ. ކުރާކަމަށް އެއްބަސްނުވާ ކަމެއް ހުއްޓައިލާނަމެކޭ ޗައިނާއަކުންވެސް ނުބުނާނެތާއެވެ. ރައީސް ޝީގެ ޖަވާބަކީ އަހަރެމެން މިތިބީ ވަކިއަތަކަށް ނުޖެހިއެވެ. އަހަރެމެން އެއްވެސް ބަޔަކަށް އެހީތެރިއެއް ނުވަމެވެ. އެހެންވީމާ ނުކުރާކަމެއް ހުއްޓާލާނީވެސް ކިހިނަކުން ހެއްޔެވެ. މިޒާތުގެ ވާހަކަފުޅެކެވެ. ކޮންމެއަކަސް ޓްރަމްޕުގެ މަސައްކަތްތަކުން އެއްވެސް ނަތީޖާއެއް ނުނެރެވުނެވެ. ޓްރަމްޕުގެ މި ދައުރުގައި ފެންނަމުންދަނީ ޗައިނާޔާއި އެމެރިކާގެ ގުޅުންތައް ހީނަރުވަމުންދާ މަންޒަރާއި އިތުބާރު ނެތެމުން ޝައްކުތައް އިތުރުވަމުންދާ މަންޒަރެވެ. ހަމައެޔާއެކު ޗައިނާއާއި ރަޝިޔާގެ ގުޅުންތައް ބަދަހިވަމުން ވަރުގަދަ ވަމުންދާ މަންޒަރެވެ. ނަންހުސްކޮށް ހުރިހާ ދާއިރާތަކެއްގައެވެ. އެހެންވީމާ ޓްރަމްޕު އެދުނަކަސް ރަޝިޔާއާ ދުރުވެގަތުމުގެ ފިކުރެެއް ރަޝިޔާއަކުން އިޚުތިޔާރެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ.

ރަޝިޔާއާއި ޗައިނާއަކީ އެއްގަމުން އެތައްހާސް ކިލޯމީޓަރެއްގެ ބޯޑަރު ހިއްސާކުރާ ދެ ގައުމެވެ. ރަޝިޔާގެ މުދަލަށް އޮތް އެންމެ ބޮޑު މާރުކޭޓަކީ ޗައިނާއެވެ. ރަޝިޔާގެ ތެލާއި ގޭސް އެންމެ ގިނައިން އިމްޕޯޓްކުރާ ގައުމަކީ ޗައިނާއެވެ. ޔުކްރޭނުގެ ހަގުރާމަޔާ ގުޅިގެން ހުޅަގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީމާ ދެން ރަޝިޔާ އެނބުރުނީ ޗައިނާއާ ދިމާލަށެވެ. އޭގެފަހުން އެއްއަހަރުން އަނެއް އަހަރަށް ދެގައުމުގެ ވިޔަފާރި މުއާމަލާތްތައް ދަނީ އިތުރުވަމުންނެވެ. މިވިޔަފާރީގައި އެމެރިކާ ޑޮލަރާއި ވިލާތުގެ އިއްތިހާދުގެ ޔޫރޯ ބޭނުންކުރުމެއްވެސް ނެތެވެ. ބޭނުންކުރަނީ ރަޝިޔާގެ ފައިސާޔާއި ޗައިނާގެ ފައިސާއެވެ. ޗައިނާގެ ޔުއާނާއި ރަޝިޔާގެ ރޫބަލްއެވެ. ހުޅަނގުގެ ފިއްތުންތައް ގިނަކުރިޔަސް ރަޝިޔާގެ އިގްތިސާދު ވަޅުނުޖެހި ވަރުގަދަކޮށް އޮތުމުގެ ސިއްރަކީ ޗައިނާއެވެ. އެކަމަކު މި ދެގައުމަކީ ދިފާއީ މުއާހަދާއަކުން ބަނދެވިފައިވާ ދެ ގައުމެއް ނޫނެވެ. އެއްގައުމުގެ ދިފާއަށް ރަސްމީގޮތުން އަނެއް ގައުމު ޖާމިނުވުން ލާޒިމު ދެގައުމެއް ނޫނެވެ.

ރަސްމީގޮތުން ދެގައުމުގެ މެދުގައިއޮތީ ވިޔަފާރީގެ ވަރުގަދަ ގުޅުމެކެވެ. އަސްކަރީ ގުޅުންތަކެއް އޮތިއްޔާ އެކަމެއް ހިނގަނީ ފަރުދާގެ ފުރަގަހުގައި ސިއްރިޔާތުންނެވެ. އެއަރކޮންޑިޝަނުގެ ނަމުގައި ޑްރޯން އިންޖީނު ވިއްކުން ކަހަލަ ކަންކަން ހިނގަމުން އަންނަ ބީދައިންނެވެ. އެމެރިކާގެ ޓްރަމްޕު ޗައިނާއިން ފުރުމާއެކު ރަޝިޔާގެ ޕުޓިން ޗައިނާއަށް ވަޑައިގަތުމުގެ އަސްލު ބޭނުމަކީ ދެގައުމުގެ ގުޅުންތަކުގެ ހަގީގީ ކުލަ ދުނިޔެއަށް ހާމަކުރުމުގެ ވަގުތުއައީ ކަމަށް ބަލައިގެން އެކަން ކުރުން ކަމަށް ވެދާނެއެވެ. ޓައިވާނުގެ މައްސަލައިގައި ދުލެއްދޭން އެމެރިކާ ބޭނުންނުވީމާ ދެން ކުޅެންހުރި ކާޑުތައް އެމެރިކާއަށް ދައްކައިލުން ކަމަށްވެސް ވެދާނެއެވެ. ރަޝިޔާގެ ރައީސް ޕުޓިން އެންމެފަހުން ޗައިނާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންވެސް ހުސްވި އަހަރުގެ މެއިމަހު ރަޝިޔާއަށް ވަޑައިގެންނެވިއެވެ. މިކަންކަމުން ދޭހަވަނީ ޗައިނާއާއި ރަޝިޔާގެ ގުޅުމަށް ރަސްމީގޮތުން އައުސިފައެއް އައުމުގެ ދުވަސް ގާތްވެއްޖެ ކަމެވެ.