ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދަން ކުރިއަށް ގެންދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮން ނިޔާވި ސިފައިންގެ ޑައިވަރު، ސްޓާފް ސާޖެންޓް، މުހައްމަދު މަހުދީގެ ޖަނާޒާ މިރޭ ބާއްވައިފިއެވެ.

މަހުދީގެ މައްޗަށް ކަށުނަމާދުކޮށްފައި ވަނީ މިރޭ 10:00 ގައި އިސްލާމީ މަރުކަޒުގައެވެ.

އެއަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ދެންމެ އާސަހަރާގައި ވަޅުލައިފައެވެ.

މަހުދީ މަރުވީ، އޭޑީކޭގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި، ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.

މި ހާދިސާއާ ގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓައިފައެވެ.

ގެއްލުނު ޑައިވަރުން ހޯދުމަށްޓަކައި ސިފައިން އަންނަނީ ހައި ރިސްކް އޮޕަރޭޝަނެއް ހިންގަމުންނެވެ.