އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގައި އަންނަ މަހު ފަށާ ވޯލްޑް ކަޕުގެ ކުރިއަށް ތުރުކީގައި ކޭމްޕް ކުރުމަށް މަސައްކަތް ކުރަމުންދާ އިރާން ޓީމުން ގައުމުން ފޮނުވާލުމުގެ ކުރިން ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

އިރާނުން ކުރިން ނިންމާފައި އޮތީ މިފަހަރު ވޯލްޑް ކަޕްގައި ނުކުޅެން އޮތީ ނިންމައިފައެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާއި، އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.

އެ މައްސަލައިގައި އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިރާން ޓީމަށް ރައްކާތެރިކަން ދެވޭނެކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ. އެއީ އެމެރިކާގައި މެޗުތައް ނުކުޅެން އިރާން ނިންމި އެއް ސަބަބެވެ. އެހެން ނަމަވެސް އެ ވާހަކަތައް ފަހުން ބަދަލުކުރައްވާފައިވީ ނަމަވެސް، އަދިވެސް ވިސާގެ ކަންކަމުގައި އިރާނަށް ދަތިވާނެ ކަމަށް ނޫސްތައް ބުނެއެވެ.

ދާދިފަހުން ބޭއްވި ފީފާ ކޮންގްރެސްގައި އިރާނަށް ބައިވެރިވެވިފައެއް ނުވެއެވެ. ފީފާގައި ހިމެނޭ 211 ގައުމުގެ ތެރެއިން އިރާނަށް އެކަނި ކޮންގްރެސްގައި ބައިވެރިވެފައި ނުވަނީ އިރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މެހެދީ ތާޖާއެކު ކެނެޑާއަށް ދިޔަ އޮފިޝަލުން އެގައުމަށް އެތެރެވާން ހުއްދަ ދީފައި ނުވާތީއެވެ.

ކެނެޑާއިން ނިންމީ އިރާން ފުޓުބޯޅަ އިދާރާގެ ރައީސް ތާޖަކީ އިރާނުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ކަމަށެވެ. އެ ޖަމާއަތަކީ ކެނެޑާއިން ބުނާ ގޮތުގައި ނިރުބަވެރި ޖަމާއަތެކެވެ.

އެހެން ނަމަވެސް ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އިރާނުން ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށެވެ. އެކަމުގައި އިރާނުން ފީފާއަށް ވަނީ 10 ޑިމާންޑަކަށް ފީފާއިން ޔަގީންކަން ދޭން އެދިފައިވެއެވެ. އޭގެ ތެރޭގައި އިރާންގެ ދިދައާއި ގައުމީ ސަލާމަށް އިހުތިރާމް ޔަގީންވުމާއި އެއާޕޯޓާއި ހޮޓެލްތަކުގެ އިތުރުން ސްޓޭޑިއަމްތަކުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުންވެސް ހިމެނިފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އަދި އައިއާރްޖީސީއަށް އިހުތިރާމް ކުރަންވެސް އެދުނެވެ.

އެ ޑިމާންޑްތަކާއެކު އިރާނުން ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އިރު، އަންނަ ހަފުތާ ތުރުކީގައި ކޭމްޕް ކުރުމަށް ފުރަން ވަނީ ތައްޔާރުވެފައެވެ. އެ ކޭމްޕަށް ޓީމު ފޮނުވާލުމަށް ތެހެރާންގެ އިންގިލާބް ސްކަޔާގައި ހާއްސަ، ބޮޑު އިވެންޓެއްވެސް ބާއްވާފައިވެއެވެ.

އެ އިވެންޓްގައި ވޯލްޑް ކަޕްގެ ޖާޒީ ދައްކާލާފައިވާ އިރު، ވަތަނީ ވާހަކަތަކެއް އިވިގެން ގޮސްފައިވެއެވެ. އަދި ސަޕޯޓަރުންގެ ފޯރިވެސް ފެނުނީ ގަދަކޮށެވެ. އިރާން އެފްއޭގެ ރައީސް ތާޖް ވިދާޅުވީ މިއީ މިހާތަނަށް ފެނުނު އެންމެ ރަނގަޅު ވަދާއީ އިވެންޓް ކަމަށެވެ.

އެވާހަކަތަކާއެކު ތާޖް ވިދާޅުވީ ވިސާގެ ކަންކަމުގައި އަދިވެސް އެމެރިކާގެ އިތުރުން ފީފާގެ ހަބަރެއްވެސް ނެތް ކަމަށެވެ. ތާޖް ވިދާޅުވީ ފީފާއިން ގިނަ ކަންތައްތަކަކަށް ޔަގީންކަން ދީފައިވާ ކަމަށާއި، ޓީމުން ތައްޔާރުވަމުންދަނީ ފީފާއިން ބުނި ބަހުގެ އިތުބާރު ދަމަހައްޓާނެ ކަމަށް ކަމަށެވެ.

އިރާންގެ އިތުރުން އިރާގުގެ ބައެއް ކުޅުންތެރިންނަށްވެސް ވިސާގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ނޫސްތައް ބުނެއެވެ. އެކަމުގައި ފީފާއިން އެހީތެރިކަން ދޭނެކަން ކުރިން އަންގާފައިވާ އިރު، އިރާނުން ބުނަމުންދަނީ އެގައުމުގެ ހޯސްޓަކީ އެމެރިކާ ނޫން ކަމަށާއި، ފީފާ ކަމަށެވެ.