ރެއާލް މެޑްރިޑަށް ކުޅެމުންދާ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާގެ ނަން ނުހިމަނާ ފީފާ ވޯލްޑް ކަޕް 2026 އަށް ފްރާންސުން ފައިނަލް ސްކޮޑު އިއުލާނު ކޮށްފިއެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްސް އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި އުމުރުން 23 އަހަރުގެ ކަމަވިންގާއަށް ޖާގަ ދީފައިނުވާ އިރު، މިޑްފީލްޑަރުންގެ ގޮތުގައި ނަގާފައި ވަނީ ސައުދީ ލީގުގައި ކުޅެމުންދާ އެންގޯލޯ ކާންޓޭއާއި ރެއާލްގެ އޮރެލިއަން ޗުއެމެނީ، ޕީއެސްޖީގެ ވޮރެން ޒައޭ-އެމެރިކާ، އޭސީ މިލާންގެ އެޑްރިއަން ރެބިއޯ އަދި ރޯމާގެ މަނޫ ކޯނޭއެވެ.

ޑިޝޯމްސް ބުނެފައި ވަނީ ކަމަވިންގާއަށް މި ސީޒަންވެފައި ވަނީ އުނދަގޫ ސީޒަނަކަށް ކަމަށާއި، އަނިޔާގެ މައްސަލަތަކަކީ ރަނގަޅު ފޯމަކަށް އެޅެން ދިމާވި މައްސަލައެއް ކަމަށެވެ. އަދި ސްކޮޑަށް ނެގުމުގައި މިހާރު ހުރި ފޯމަށް ބެލި ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ސީޒަނުގެ ތެރޭގައި ކަމަވިންގާ ވަނީ މިޑްފީލްޑަރެއްގެ އިތުރުން ލެފްޓް ބެކްގެ މަގާމުގައިވެސް ފެނިގައެވެ. ޖުމުލަ 42 މެޗު ސީޒަން ތެރޭގައި ކުޅުނު ނަމަވެސް އޭގެ ތެރެއިން ފުރަތަމަ 11 އަށް ނުކުތީ އެންމެ 25 މެޗުގައެވެ. ގާތްގަނޑަކަށް 70 ވަރަކަށް ދުވަހު ކަމަވިންގާ އަނިޔާގައިި ހުރި އިރު، އޭނާއަށް ވަނީ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަނިޔާއާ ކުރިމަތިލާން ޖެހިފައެވެ.

ފްރާންސުން އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން 2022 ވަނަ އަހަރު ފައިނަލުގައި ކުޅެ، ބަލިވީ އާޖެންޓީނާ ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ.

ފްރާންސްގެ ފުލް ސްކޮޑު

ގޯލްކީޕަރުން: މައިކް މެންޔޯން، ބްރައިސް ސަމްބާ، ރޮބިން ރީސާ

ޑިފެންޑަރުން: ވިލިއަމް ސަލީބާ، ޑަޔޯ އުޕަމެކާނޯ، އިބްރަހީމާ ކޮނާޓޭ، ޖޫލްސް ކޫންޑޭ، ތިއޯ ހެނާންޑޭޒް، ލޫކަސް ހެނާންޑޭ، މާލޯ ގުސްޓޯ، ލޫކަސް ޑީން، މެކްސެންސް ލެކްރޮއިޒް،

މިޑްފީލްޑަރުން: އޮރެލިއެން ޗުއަމެނީ، އެންގޯލޯ ކާންޓޭ، އެޑަރިއަން ރަބިއޯ، ވޮރެން ޒައީ-އެމެރީ، މަނޫ ކޯނޭ

ފޯވަޑުން: ކިލިއަން އެމްބާޕޭ، އުސްމާން ޑެމްބެލޭ، މައިކަލް އޮލީސޭ، ބްރެޑްލީ ބާކޯލާ، މާކަސް ތުރާމް، ރަޔަން ޗެރްކީ، ޑިސައިރޭ ޑޫއޭ، މަގްނޭސް އެކްލިއޫޝް، ޖޭން-ފިލިޕް މަޓެޓާ