"އަދަދު" ނޫހުން ތައްޔާރުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެއާ ބެހޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު "ގޭގް އަމުރު" ބާތިލްކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ޖިނާއީއިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ގާނޫނުއާސާސީގެ 42 ވަނަ މާއްދާ އަދި 56 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް އެމްޖޭއޭއިން ބުންޏެވެ. އަދި އެ އަމުރަކީ ސުޕްރީމް ކޯޓުގެ އަހުމަދު އިސްމާއިލް ވ. ލަތީފާ އަލީ ހަސަން ގަޒިއްޔާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަން އެމްޖޭއޭއިން ފާހަގަކުރިއެވެ.

ކުރިމިނަލް ކޯޓުގެ އަމުރަކީ ހުރިހާ ދިވެހިރައްޔިތުންގެ މައްޗަށް ނެރެފައިވާ އަމުރެއްކަމަށްވާއިރު، އެ އަމުރު ނެރޭ ވަގުތުން ފެށިގެން، އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކާ ރައްޔިތުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއްކުރީކަމަށް ބެލެވޭނެކަމަށް އަމުރުގައި ބުނެފައިވާކަމަށް އެމްޖޭއޭއިން ބުންޏެވެ. ނަމަވެސް އެއީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ހިލާފު ނިންމުމެއްގެ އިތުރުން، އެ އަމުރަކީ އަމުރުގައި އޮތްއެއްޗެއް ބަޔާންކޮށްދިނުމުގެ ނުވަތަ އެގިގަތުމުގެ ހައްގުވެސް ނުލިބޭގޮތަށް ނެރެފައިވާ އަމުރެއްކަމަށް އެމްޖޭއޭއިން ބުންޏެވެ. އެގޮތަށް ފުޅާދާއިރާއެއްގައި އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިދޭ ގޮތަށް އަސާސީ ހައްގުތައް ހަނިކޮށް ހިފަހައްޓަން ގާނޫނުއަސާސީގެ 16 ވަނަ މާއްދާ، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާ އެއްގޮތްވާ ގޮތުގެ މަތިން ފާސްކޮށްފައިވާ ގާނޫނެއް ނެތްކަމަށް އެމްޖޭއޭއިން ބުންޏެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ އަމުރަކީ ގާނޫނާހިލާފު އަމުރެއްކަމަށް އެމްޖޭއޭއިން ބުންޏެވެ.

ކުރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލުކުރައްވާ އަމުރަކަށް ނުވުމުން، އެފަދަ މައްސަލަތަކުގައި މީގެކުރިން ދައުލަތުން ވަކި ސްޓޭންޑެއް ނަގައިގެން، ކޯޓުތަކުގައި ވަކާލާތުކޮށްފައިވާ މައްސަލައެއް ކަމަށްވާއިރު، އެ އަމުރަކީ ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގައި ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތު ހިލާފު އަމުރެއްކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ ކުރިމިނަލް ކޯޓުގެ އަމުރަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް، ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި އެ އަމުރަކީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅޭގޮތަށް ނެރެފައިވާ އަމުރެއްކަމަށް އެމްޖޭއޭއިން ބުންޏެވެ.