އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

ސިޓީއާއި އާސެނަލުން އަނެއްކާވެސް ލީގު ރޭހުގައި ވާދަކުރަމުންދާ އިރު، މިވަގުތު ދެޓީމުގެ ފަރަގަކީ ދެ ޕޮއިންޓެވެ. އެއްވަނައިގައި އާސެނަލް 36 މެޗުން 79 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި ސިޓީ އޮތީ 36 މެޗުން 77 ޕޮއިންޓާއެކުގައެވެ. ކޮންމެ ޓީމަކަށްވެސް ބާކީ ދެމެޗު އޮތް އިރު، ލީގު ޗެމްޕިއަން ކަނޑައެޅޭނީ އެންމެ ފަހު ހަފުތާގައި ކަމަށް ބެލެވެއެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް ސިޓީ އޮތީ ޕްރެޝަރުގައެވެ. އެއީ މެޗުން މޮޅުވުން އެއީ މަޖުބޫރު ކަމަކަށްވެފައި އޮތުމުންނެވެ. ސިޓީއަށް އެއްވެސް ގޯހެއް ހެދެން ނެތް މި ދަނޑިވަޅުގައި ރޭ ޕެލެސް ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ސިޓީން ރޭ ނުކުތީ އާލިން ހާލަންޑް، ޖެރެމީ ޑޮކޫ އަދި ރަޔަން ޗެރްކީވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ. ޕެޕް ގާޑިއޯލާ އެ ބަދަލު ގެނެސްފައި ވަނީ ކުރިއަށް އޮތް ހަފުތާ އެޓީމުން އެފްއޭ ކަޕް ފައިނަލްގައި ކުޅެން އޮތުމުންނެވެ.

މެޗުގެ ކުރީކޮޅުގައި މާބޮޑު ނުރައްކަލެއް ނުފެނުނު ނަމަވެސް، 32 ވަނަ މިނެޓުގައި ފިލް ފޮޑެންގެ ޖާދުލާއެކު ތަނަވަސްކުރި ފުރުސަތުގައި އެންޓޮއިން ސެމެންޔޯ ސިޓީއަށް ލީޑު ނަގައިދިނެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން ފޮޑެންގެ އިތުރު ޕާހަކާއެކު އަނެއްކާވެސް އޮމަރް މަރްމޫޝް ވަނީ ސިޓީގެ ދެވަނަ ގޯލް ޖަހައިދީފައެވެ.

ދެވަނަ ހާފުގައި މެޗުގެ ޓެމްޕޯ ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް، ސިޓީން ވަނީ މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި ހިފަހައްޓައިފައެވެ. އެގޮތުން މެޗުގެ ފަހުކޮޅުގައި ސިޓީން ތިންވަނަ ގޯލެއް ޖަހައި މެޗު ޔަގީންކުރިއެވެ. އެ ގޯލް ޖަހައިދިނީ ސަވީނިއޯއެވެ.