އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިވަގުތު އެހެރީ ޗައިނާގެ ވެރިރަށް ބެއިޖިންގުގައެވެ. ދުނިޔޭގެ އިގްތިސާދު ވަރަށް ނާޒުކު ފައްތަރެއްގައި ވަނިކޮށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކޮށް މުހިންމު އެކި ކަންކަމާމެދު މަޝްވަރާ ކުރުމަށްޓަކައެވެ. އޭގެތެރޭގައި ދުނިޔޭގެ އިގްތިސާދާއި ވިޔަފާރިއާއި އިމްޕޯޓް ޓެކުހާއި އީރާނުގެ ހަގުރާމަޔާއި ޔުކްރޭނުގެ ހަގުރާމަވެސް ހިމެނެއެވެ. މިއީ ޓްރަމްޕުގެ މި ދައުރުގައި ޗައިނާއަށް އޭނާ ކުރި ފުރަތަމަ ދަތުރެވެ. ބެއިޖިންގަށް އޭނާ ދިޔައީ ބުދަދުވަހުގެ ވަގުތެއްގައެވެ. ދިޔުމުގެ ކުރިން ބުންޏެވެ. އޭނާ އެދޭނީ ޗައިނާގެ މާރުކޭޓުތައް ތަންމިނަށް އެމެރިކާގެ ކުންފުނިތަކަށް ހުޅުވައިލުމަށެވެ. ޗައިނާގެ ކުންފުނިތަކުން އެމެރިކާގައި އިންވެސްޓްކުރުން ގިނަކޮށް އެމެރިކާގައި ވަޒީފާތައް އިތުރުކޮށްދިނުމަށެވެ. އެމެރިކާގެ އުފެއްދުންތައް އެތެރެކުރުން ޗައިނާއިން އިތުރުކުރުމަށެވެ. ޚާއްސަކޮށް ގެރިމަހާއި ސޯއިބީންސް ކަހަލަ ދަނޑުވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ވީހާވެސް ގިނައިން ޗައިނާއިން އިމްޕޯޓް ކުރުމަށެވެ.

ރައީސް ޓްރަމްޕުގެ ކިބައިން ޗައިނާގެ ރައީސް ޝީ ޖިންޕިން އެދިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޓައިވާނަށް ހަތިޔާރު ވިއްކުމާއި ދިނުން ހުއްޓައިލުމަށެވެ. ޓައިވާނުގެ ކަންތައްތަކުގެ ތެރެއަށް ނުވަނުމަށެވެ. ޗައިނާގެ އުފެެއްދުންތަކުން ނަގާ ޑިއުޓީ ބޮޑު ނުކުރުމަށެވެ. ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ ސިފައިން ހިންގާ ހަރަކާތްތައް ހުއްޓައިލުމަށެވެ. ބައިނަލްއަގުވާމީ މަސްރަހުގެ އެކިކަންކަމާމެދު ކުރެވޭ މަޝްވަރާތަކުގައި އެންމެ ޚާއްސަކަމެއް ދޭނީ އީރާނުގެ ހަގުރާމައަށެވެ. ޗައިނާއަކީ އީރާނުގެ ތެލާއި ގޭހުގެ އެންމެ ބޮޑު ކަސްޓަމަރެވެ. އެހެންވީމާ ހަގުރާމަ ދާއިމީގޮތަކަށް ނިންމައިލުމުގައި އީރާނުގެ ވިސްނުން ބަދަލުކުރެވޭތޯ ބާރުއަޅައިދިނުމަށް ޗައިނާގެ ކިބައިން ޓްރަމްޕު އެދޭނެކަމަށް ވަނީ ވަރަށް ބޮޑަށް ގަބޫލު ކުރެވިފައެވެ. ކޮންމެއަކަސް އެމެރިކާއާއި ޗައިނާއަކީ މިވަގުތު ދުނިޔޭގެ އެންމެބޮޑު ދެބާރެވެ. އެހެންވީމާ ޓްރަމްޕާއި ޝީގެ ސަމިޓަށް މުޅިދުނިޔޭގެ ކަޅި ވަނީ އަމާޒުވެފައެވެ.

އީރާނުގެ ދަންތުރައިން ރީތިގޮތަކަށް ބޯދަމައިގަނެވޭތޯ އެމެރިކާއިން ކުރާ މަސައްކަތަށް ޗައިނާގެ އެހީތެރިކަން ހޯދުމަކީ ޓްރަމްޕުގެ އެދުމެެއްކަމަށްވިޔަސް ނޫސްވެރިންގެ ކުރިމަތީގައި އެވާހަކަ ބުނަން ނުވަތަ މިކަމަށް އެއްބަސްވާން ޓްރަމްޕު ނޭދެއެވެ. ނޫސްވެރިންގެ ކުރިމަތީގައި ދައްކަން އޭނާ ބޭނުންވަނީ އަދި އެހެން މޫނެކެވެ. އަދިވެސް ކިޔައިދެވޭތޯ ގަދައަޅަނީ އެމެރިކާގެ ބާރާއި އާރުގެ ވާހަކައެވެ. އެގޮތުން ބުންޏެވެ. އީރާނުގެ ހަގުރާމަ ނިންމައިލުމުގައި ޗައިނާގެ އެހީތެރިކަމަށް އެދެން ނުޖެހެއެވެ. އެދޭކަށްވެސް ނުޖެހޭނެއެވެ. ހޮރުމުޒް ކަނޑުއޮޅި ހުޅުވުމުގައިވެސް ކަންެއޮތީ އެހެންނެވެ. އީރާނުގެ ކަންތަކުގައި ޗައިނާގެ އެއްވެސް އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. އެކަން ނިންމާނީ އަހަރެމެންނެވެ. ބާރުގެ ބޭނުންކޮށްގެން ގަދަކަމުންކަމަށް ވަނީވިއްޔާ ގަދަކަމުންނެވެ. ވާހަކަދައްކައިގެން ކުރެވެންޏާ ވާހަކަ ދައްކައިގެންނެވެ. މިމޭރުމުން ޓްރަމްޕު ވާހަކަ ދެއްކީ ޗައިނާއަށް ފުރުމުގެ ކުޑަވަގުތުކޮޅެެއް ކުރިންނެވެ. ކޮންމެއަކަަސް ޓްރަމްޕުގެ ބަސްމަގުހުރީ މިފަދައިންނެވެ.

ދެންއޮތީ ޗައިނާއަށްގޮސް ރައީސް ޝީ ޖިންޕިންގެ އެހީތެރިކަން ހޯދަން ޓްރަމްޕު އުޅުމަކީ އީރާނު ޖެހިލުންވެ ސިހޭކަމެއްތޯ ބެލުމެވެ. އީރާނުގެ އޮފިޝަލުންނާއި އަދި އާއްމުންގެ ޚިޔާލުތައް ހުރިނެތްގޮތަށް ބަލާއިރު ޓްރަމްޕުގެ މިދަތުރާމެދު އީރާނު ޖެހިލުންވެ ކަންބޮޑުވާކަމަށް ނުފެނެއެވެ. އީރާނު ގަބޫލުކުރާ ގޮތުގައި މިއީ އެމެރިކާޔާއި ޗައިނާގެ ބައިލެޓްރަލް ގުޅުމުގެ ތެރެއިން ކުރާ ދަތުރެކެވެ. މިދަތުރުގެ ސަބަބުން ޗައިނާއާއި އީރާނާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެއެވެ. ޓްރަމްޕު ދާނޭ ވަރަކަށް ޗައިނާއަށް ދާންވީއެވެ. އެތަނުގައި ހޭދަކުރާން ބޭނުންވާހައި ދުވަހެއް ހޭދަކުރަންވީއެވެ. އެއީ އީރާނާ ބެހޭ ކަމެއް ނޫނެވެ. ބެހެން ބޭނުންވާ ކަމެއްވެސް ނޫނެވެ. ކޮންމެއަކަސް ޗައިނާއިން ރައީސް ޓްރަމްޕަށް ކިޔާފައިވަނީ ރަތްދޫލައިގެ މަރުހަބާއެކެވެ. އެފަދަ ކޮންމެ ގައުމެއްގެ ވެރިޔަކަށްވެސް މަރުހަބާކިޔާ ބީދައިންނެވެ. އާދަޔާޚިލާފު ވަކި ޚާއްސަ ކަމެއްނެތެވެ.

ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން އީރާނުގެ ކަންތައް އެމެރިކާ އެދޭފަދަޔަކުން ނިންމުމުގައި ޗައިނާގެ އެހީތެރިކަން ހޯދުމަށް ޓްރަމްޕު އެހެރީ ކިތަންމެ ބޮޑަކަށްވެސް އެދިގެންނެވެ. އެފަދަ ކަމަކަށް ޓްރަމްޕު އެދޭއިރު އެކަމަށް ޗައިނާއިން އެއްބަސްވާނީ ހަމައެވަރުގެ އެއްޗެއް އެމެރިކާއިންވެސް އަތުލައިގެންނެވެ. އެ އެއްޗަކީ ޓައިވާނެވެ. މިހާރުވެސް އެމެރިކާ އެއޮތީ ދުވަހަކުވެސް ނުވިއްކާވަރުގެ ބޮޑު ހަތިޔާރު ޕެކޭޖެއް ޓައިވާނަށް ވިއްކުމަށް ނިންމައިގެންނެވެ. ޓައިވާނަށް އެމެރިކާއިން ވިއްކާ ތަކެތީގެ އަގު ޗައިނާއަށް ވިއްކާ ތަކެއްޗަށްވުރެވެސް ގިނައެވެ. އެހެންވީމާ ޗައިނާގެ ކިބައިން އެދުމެއް ހާސިލްކުރުމަށްޓަކައި ގުރުބާންކުރާ ކަންބަޅިޔަކަށް ޓައިވާން ހަދަން ޓްރަމްޕަކަށް ފަސޭހައެއް ނުވާނެއެވެ. ޓްރަމްޕުގެ ސަރުކާރު ތެރެއިންވެސް އެކަމަށް ދެކޮޅުހެދުން ބޮޑުވާނެއެވެ. އެމެރިކާ ބޭނުން އެއްޗެއް ހަދަން އީރާނު ދޫކޮށްލާމަތިން ޗައިނާ ބޭނުން އެއްޗެއް ހަދަން ޓައިވާނު ދޫކޮށްލުމަށް ޓްރަމްޕު ނިންމިޔަސް އީރާނަކީ އެމެެެރިކާއަކަށް އަދި އެހެން ކުޅެވޭނެ ގައުމެއް ނޫނެވެ.

ވަކިކަމެއް ވަކިގޮތަކަށް ކުރާށޭ ބުނެ ޗައިނާއިން އެންގުންތަކެއް އެންގިޔަސް އީރާނަކުން އެކަމެއް އެހެނަކުން ނުކުރާނެއެވެ. އީރާނަކީ ޗައިނާގެ ސެޓެލައިޓެއްވެސް ނޫނެވެ. ދެންއޮތީ ޔުކްރޭނުގެ ކަންތަކުގައި ރަޝިޔާއަށް މަޖުބޫރީ ހާލަތެއް ގެނައުމުގައި އެމެރިކާއަށް ޗައިނާގެ އެއްބާރުލުން ލިބިދާނޭތޯ އުފެދޭ ސުވާލެވެ. އެއީވެސް ނުވާނެ ކަމެކެވެ. ރަޝިޔާއަކީވެސް ޗައިނާ ބުނީމާ ބުނާހައި ކަމެއް ކުރާނެ ގައުމެއް ނޫނެވެ. އެހެންވީމާ ދުނިޔޭގެ މައްސަލަތައް ހައްލުކުރުމުގައި އެމެރިކާ އެދޭ ކަންކަމަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަކަށް ނުފެނެއެވެ. ހަމައެގޮތަށް ޓައިވާނުގެ ކަންތަކުގައި ޗައިނާއިން އެދޭ އެދުންތަކަށް އެމެރިކާވެސް ދީލާލާނެ ކަމަކަށް ނުފެނެއެވެ. ކޮންމެއަކަސް ޓްރަމްޕުގެ މިދަތުރަކީ ތިނަ ދުވަހުގެ ދަތުރެކެވެ. ހުކުރު ދުވަހު މިދަތުރު ނިމޭނެއެވެ. ދަތުރު ނިމޭއިރު ނަތީޖާއެއް ނެރެވުނިއްޔާ ނެރެވޭނެ ނަތީޖާއަކީ ޓްރަމްޕުގެ ޑިއުޓީ ބޮޑުކުރުމުގެ ސިތާސަތު ނިންމާލައި ދެގައުމުގެ ވިޔަފާރިއަށް ހުރަސްނޭޅުމަށް ޓްރަމްޕު އެއްބަސްވުން ކަމަށް ހީކުރެވެއެވެ.