2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އީލޮން މަސްކް ކުރިއަށްގެންދިޔަ 1 މިލިއަން ޑޮލަރުގެ ލޮޓަރީއާ ގުޅިގެން ހުށަހަޅާފައިވާ ކްލާސް-އެކްޝަން ދެ ދައުވާއެއް ކޯޓުން ބޭރުގައި ހައްލުކުރަން އޭނާއާއި އޭނާގެ 'އެމެރިކާ ޕެކް' އިން އެއްބަސްވެއްޖެއެވެ.

ޓެކްސަސްގެ އޮސްޓިންގައި ހުންނަ ފެޑެރަލް ކޯޓަށް ބުރާސްފަތި ދުވަހު ހުށަހެޅި ލިޔެކިޔުންތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ހައްލުކުރަން އެއްބަސްވި ނަމަވެސް، އެއްބަސްވުމުގެ ޝަރުތުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. މި އެއްބަސްވުމުގައި ފައިސާގެ ބަދަލެއް ދިނުމަށް ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ.

މި ދައުވާތައް އުފުލާފައިވަނީ އެމެރިކާގެ އެރިޒޯނާ ސްޓޭޓުގެ ރައްޔިތުންތަކެކެވެ. ކޯޓު ރެކޯޑުތަކުގައިވާ ގޮތުން، ދައުވާކުރި ފަރާތްތަކުން ތުހުމަތުކޮށްފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ހަތިޔާރު ގެންގުޅުމުގެ ހައްގަށް ތާއީދުކޮށް ޕެޓިޝަނެއްގައި ސޮއިކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ކޮންމެ ދުވަހަކު 1 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެ މަސްކް އޮޅުވާލާފައިވާ ކަމަށެވެ. މި ލޮޓަރީ ކުރިއަށް ގެންގޮސްފައިވަނީ އިންތިހާބުގައި ވާދަވެރިކަން ބޮޑު ހަތް ސްޓޭޓެއްގައެވެ.

ނަމަވެސް، މި މައްސަލައިގެ އަޑުއެހުންތަކުގައި މަސްކްގެ ވަކީލުން ވަނީ، ފައިސާ ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުން ނޫން ކަމަށާއި، އެއީ 'އެމެރިކާ ޕެކް' ގެ ތަރުޖަމާނުންގެ ގޮތުގައި މަސައްކަތްކުރުމަށް ކަނޑައެޅި މީހުން ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

މި ދައުވާތަކުގައި ކުރާ ތުހުމަތުތަކަށް މަސްކް އަދި އޭނާގެ ޕެކް އިން އިންކާރުކޮށްފައިވާއިރު، ދެ ފަރާތުން ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ ކޯޓުން އެކަން ފާސްކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ފެޑެރަލް ފަނޑިޔާރަކު ވަނީ މި މައްސަލައިގައި ހެކިބަސް ދިނުމަށް މަސްކް ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް ނިންމައިފައެވެ. ނަމަވެސް މި މައްސަލަތައް ހައްލުކުރުމަށް އެއްބަސްވުމާ ގުޅިގެން، ކޯޓަށް ހާޒިރުވާކަށް ނުޖެހޭނެއެވެ.