އަލަށް އައްޔަންކުރެއްވި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އިގުތިސޯދީ ދާއިރާއިން ދެ ގައުމުގެ ގުޅުން އާ ހިސާބަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.

މި ދަތުރަކީ ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އިރުތިޝާމް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ. މީގެ ކުރިން އޭނާ ހުންނެވީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. އިރުތިޝާމްގެ ކުރިން ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވީ ޑރ. އަބްދުﷲ ހަލީލެވެ.