ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެ ހިމެނޭހެން ފުޓުބޯޅަ ސްޓްރަކްޗާއަށް ގެނައި ބަދަލާއެކު، މިހާރު ކުރިއަށް ރީޖަނަލް މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދަތުރު ހަރަދުގެ ގޮތުގައި ޖުމުލަ 120،000 ރުފިޔާ ދޭން ނިންމައިފިއެވެ.

އެފްއޭއެމްއިން އެކްސްކޯގެ 13 ވަނަ ބައްދަލުވުމުގައި މިއަދު ނިންމާފައި ވަނީ ރީޖަނަލް މުބާރާތްތައް ކަމަށްވާ ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަން ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް ދަތުރު ހަރަދުގެ އެހީ އިތުރު ކުރުމަށެވެ. އެގޮތުން ކުރިން ފީފާގެ އެހީތެރިކަމާއެކު ކޮންމެ ޓީމެއްގެ ދަތުރު ހަރަދަށް ދޭން ނިންމާފައިވާ 90،000 ރުފިޔާގެ އިތުރުން 30،000 ރުފިޔާ ކޮންމެ ޓީމަކަށްވެސް ދޭން ނިންމާފައިވާ ކަމަށް އެފްއޭއެމްއިން ބުންޏެވެ.

ރީޖަނަލް މުބާރާތްތަކަށް ބަލާއިރު، ބައެއް ޓީމުތަކުން ކަނޑުދަތުރު ކުރުމަށްފަހު އަވޭ މެޗު ކުޅޭ އިރު، އަނެއްބައި ޓީމުތަކަށް ފްލައިޓް ދަތުރު ކުރުމަށްފަހުވެސް މެޗުތައް ކުޅެން ޖެހެއެވެ. އެއީ ބޮޑެތި ރީޖަންތަކަށް ބެހިފައިވުމުންނެވެ.

އެފްއޭއެމްއިން މިއަހަރު ފުޓުބޯޅައަށް ގެނައި އެންމެ ބޮޑު ބަދަލަކީ ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައި، މުޅި ރާއްޖޭގައި ވާދަވެރި ފުޓުބޯޅަ ކުޅެވޭނެ ގޮތެއް ކަނޑައެޅުމެވެ. އަތޮޅު މުބާރާތްތައް ނިމި، ޒޯން މުބާރާތްތައްވެސް ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ ރީޖަނަލް މުބާރާތްތަކެވެ. އެ މުބާރާތްތަކުގެ ފޯރިވެސް ފެންނަނީ ގަދަކޮށެވެ.

ރީޖަނަލް ތިން މުބާރާތެއްގައި 12 ޓީމަކުން ވާދަކުރަމުންދާ އިރު، އެ ޓީމުތަކުގެ ދަތުރު ހަރަދަށް ޖުމުލަ 1.4 މިލިއަނެއްހާ ރުފިޔާ ދޭން އެފްއޭއެމްއިން ވަނީ ނިންމައިފައެވެ. އެފްއޭއެމްއިން ދަތުރަށް ދޭ އެހީތެރިކަން އިތުރުކުރީ ޓީމުތަކުގެ ދަތުރު އަގުބޮޑުވުމާ ގުޅިގެންނެވެ.