މިއީ ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް، ރައްޔިތުންގެ އަޑު އިއްވުމަށް ކުރީގެ ތިން ރައީސުން އެކުވާންވީ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ދައުލަތް ހިސޯރުކޮށްގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާ ހިލާފުވެ ބުއްދި ފިލައި ގޮސްފައިވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަަށެވެ.

"މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް އަބްދުﷲ ޔާމީން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު. އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ފައްޔާޒް އެފަދައިން ވިދާޅުވެފައި މިވަނީ، ރައީސް މުއިއްޒުގެ އަނބުރުފުޅަށް އުނިކަން އަންނަ ގޮތަށް "އަދަދު" ނޫހުން ގެނެސްދިން ޑޮއިމަންޓަރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެގުނު ގެގް އޯޑަރާ އެ ނޫހުގެ ދެ ނޫސްވެރިޔަކު ހިލާފުވުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައި އިއްޔެ ޖަލަށް ލުމާ ގުޅިގެންނެވެ.