ބާސެލޯނާއިން 29 ވަނަ ފަހަރަށް ލީގު ޔަގީންކޮށް، ބޭއްވި އުފާފާޅުކުރުމުގެ ޕެރޭޑުގައި އެޓީމުގެ ޒުވާން ތަރި ލެމީން ޔަމާލް ފަލަސްތީނުގެ ދިދަ އުފުލާލުމުން އެކަމަށް ގިނަ ބަޔަކު ތައުރީފު ކޮށްފިއެވެ.

ޔަމާލް، 18، އަކީ ބާސާއަށް ލީގު ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. މުސްލިމް ކުޅުންތެރިއެއް ކަމަށްވާ ޔަމާލަކީ މޮރޮކޯގެ އިތުރުން އިކުއެޓޯރިއަލް ގީނީގެ ދަރިފަސްކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

އިޒްރޭލުގެ ލާއިންސާނީ އެތައް އަނިޔާތަކެއްގެ ސަބަބުން ފަލަސްތީނުގެ ގައްޒާ ވަނީ މިހާރު ސުންނާފަތި ކޮށްލައިފައެވެ. އިޒްރޭލުގެ އެ ލާއިންސާނީ ޖަރީމާތަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިރު، އެގައުމަށް ފުޓުބޯޅައިގެ ތެރެއިންވެސް މާބޮޑު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ޔޫއެފާއާއި ފީފާއަކަށްވެސް އެކަން ކުރާކަށް ނުކެރުނެވެ. އިޒްރޭލް ފީފާއިން ބޭރުކުރަން ގޮވާލައި، އެތައް ބަޔަކު ވަނީ އަޑު އުފުލައިފައެވެ.

އިޒްރޭލުން އެތައް ކުދިންނަކާއި އާންމުންނެއް ޝަހީދުކުރަމުންދާ އިރުވެސް އެކަމަށް މުސްލިމް ކުޅުންތެރިންގެ ސަމާލުކަން ކުޑަ ކަމަށްވެސް ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ.

ފަލަސްތީނުގެ ހައްގުގައި މީގެ ކުރިން މުހައްމަދު ސަލާހް ކޮންމެވެސް ވަރަކަށް އަޑު އުފުލުމާއެކު ކްލަބުން އޭނާއަށް ބައެއް ފިއްތުންތައް ކުރިމަތިވި ކަމަށް ނޫސްތައް ބުނެފައިވާ އިރު، ޔަމާލް ވަނީ އޯޕަން ބަސް މަތީގައި ފަލަސްތީނުގެ ދިދަ ވިހުރުވާލައިފައެވެ.

އެކަމާ ގުޅިގެން ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް ބުނީ އެއީ ޔަމާލްގެ އަމިއްލަ ކަމެއް ކަމަށާއި، އެކަމާ އެއްވެސް ބަހެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލުމާއެކު އެގައުމުގެ ހައްގުގައި ވާހަކަ ދައްކަމުންދާ އެތައް ބައެެއްގެ ތައުރީފް އޭނާއަށް ވަނީ އޮހިގެން ގޮސްފައެވެ. ހާއްސަކޮށް މުސްލިމުގެ ތެރެއިން ގިނަ ބަޔަކު ވަނީ ޔަމާލަށް ޝުކުރު އަދާކޮށްފައެވެ.

ބާސާއިން މިފަހަރު ލީގު ޔަގީންކުރީ އެންމެފަހުން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ.