ސްޕެއިންގެ ލެޖެންޑަރީ ޑިފެންޑަރު ސާޖިއޯ ރާމޯސް، އޭނާ ކުޑައިރު ކުޅުނު ކްލަބު ސެވިއްޔާގެ ބޮޑު ހިއްސާއެއް ގަންނަން އެއްބަސްވެ، ލިޔެކިޔުންތައް ނިމުމަކާ ގާތްވެފައިވާ ނޫސްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް ޕައިސްއިން ބުނީ ރާމޯސްގެ އިންވެސްޓްމަންޓް ގްރޫޕް ފައިވް އިލެވެންއިން ސެވިއްޔާގެ 80 ޕަސެންޓް ހިއްސާ ގަންނަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަގަކަށެވެ. ހިއްސާއަކަށް ޖެހޭ އަގަކީ 3500 ޔޫރޯއެވެ.

ރާމޯސްގެ އިންވެސްޓްމަންޓް ގްރޫޕުން ސެވިއްޔާ ގަތުމަށް ކުރުމުންދާ މަސައްކަތުގައި މިހާރު ފުރިހަމަ ނުކުރެވި އޮތީ ލަލީގާއާއި ސްޕެއިންގެ ގައުމީ ކުޅިވަރު ކައުންސިލުން އެކަމަށް ދޭން ޖެހޭ މަރުހަލާ އެކަންޏެވެ.

ސްޕެއިން ގައުމީ ޓީމާއެކު ދެފަހަރަށް ޔޫރޯ ކާމިޔާބުކޮށް، ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވާ ރާމޯސް، ޔޫތު ކެރިއަރު ފެށީ ސެވިއްޔާއެވެ. ޒުވާން ދުވަސްވަރު ސެވިއްޔާގައި ހޭދަކޮށްފައިވާ ރާމޯސް، ރެއާލަށް ބަދަލުވީ 2005 ވަނަ އަހަރުއެވެ. ރެއާލާއެކު ރާމޯސް ވަނީ 22 ތަށި ހޯދަައިފައެވެ.

ރާމޯސް ވަނީ ރެއާލްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހުން އަނބުރާ ސެވިއްޔާއަށް ގޮސްފައެވެ. އެއީ 2023 ވަނަ އަހަރުއެވެ. އުމުރުން 40 އަހަރުގައި ރާމޯސް ސެވިއްޔާއަށް ބަދަލުވި އިރު، އެންމެފަހުން ކުޅުނީ މެކްސިކޯގެ ކްލަބު މޮންޓެރޭއަށެވެ.

ސެވިއްޔާއިން 2001 ވަނަ އަހަރުން ފެށިގެން ލަލީގާގައި ކުޅެމުންދާ އިރު، މިހާރު އެ ކްލަބު ދަނީ ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުންނެވެ.

ސެވިއްޔާއަކީ ޔޫރަޕްގައިވެސް ކާމިޔާބު ޓީމެކެވެ. އެގޮތުން ސެވިއްޔާއިން ރެކޯޑު ހަތް ޔޫރޮޕާ ލީގު ހޯދާފައިވާ އިރު، އެޓީމުން މިދިޔަ ސީޒަނުގައިވެސް ވަނީ ރެލިގޭޝަނާ ހަނގުރާމަކޮށްފައެވެ.