އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ރިޔާސީ ޕްރައިމަރީގައި ވަކި ފަރާތަކަށް ތާއީދު ކުރުމަކީ، ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

ބ. ދަރަވަންދޫގައި މާލެ ސިޓީ ކައުންސިލާ - އެލެކްޓް ފުރޫ އާއެކު ބޭއްވި "އިތުބާރު ސައްލާ" ގެ ތިންވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ޗެއާޕާސަނަކު ހޯދަނީ ރިޔާސީ ކެންޑިޑޭޓަކު އެންޑޯސް ކުރަން ނޫން ކަމަށާއި، އެއީ ހަމަހަމަކަމާއެކު ފުރުސަތު ހުޅުވާލައިގެން ޕާޓީގެ ކަންކަން އިންތިޒާމް ކުރަން ހުންނަ ފަރާތް ކަމަށެވެ.

"މެޗެއް ކުޅޭއިރު ރެފްރީއަކަށް ނުހުރެވޭނެ ވަކި ޓީމަކަށް ނަގައިގެނެއް. ޗެއާޕާސަނަކަށް އަންނަ މީހާ ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިހާބެއްގައި އޭނާ ތާއީދު ކުރާނެ މީހަކު ކުރިޔާލާ ނަގައިގެން ހުރުމަކީ އެހެން ހުރިހާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ތިއްބެވި ބޭފުޅުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް،" މީކާއީލް ވިދާޅުވިއެވެ.

ޗެއާޕާސަންގެ ދައުރަކީ ރިޔާސީ ޕްރައިމަރީގައި ވަކި ކޮޅަކަށް ނުޖެހި އިންސާފުވެރިކަމާއެކު ރެފްރީކަން ކުރުން ކަމަށެވެ. އަދި ޕާޓީއާ އަލަށް ގުޅޭ މީހުންނަށް މަލާމާތްކޮށް ބާކީކުރުމަކީ ޕާޓީ ކުޑަވެ ބަލިކަށިވާނެ ކަމެއްކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ޕާޓީ ބައިބައިވާކަށް އެއްވެސް މެންބަރަކު ނޭދޭ ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއް ނެތިދިޔުމުން އޭގެ ދެރައާއި އުނދަގޫ އުފުލަންޖެހެނީ ޕާޓީގެ މަތިފަޑީގައި ތިބޭ ބޭފުޅުންނަށް ނޫންކަމަށާއި، އެއީ ފްރޮންޓްލައިންގައި އުޅޭ އާންމު މެންބަރުންނަށް ދިމާވާ ކަމެއްކަމަށް މީކާއިލް ވިދާޅުވިއެވެ.

"ވެރިކަމެއް ނެތުނީމާ އޭގެ އުނދަގޫ މިޖެހެނީކީ އެމްޑީޕީ މަތިފަޑީގައި ތިބޭ މީހުންނަކަށް ނޫން. އެމީހުންނަށް ސަރުކާރުން، ދައުލަތުން ދޭންޖެހޭ އިނާޔަތްތަކާ ރައްކާތެރިކަމާ ހިމާޔަތް އަބަދުވެސް ލިބޭނެ. ނުލިބޭނީ އެކްޓިވްކޮށް ފްރޮންޓްލައިނުގައި އުޅޭ އެމްޑީޕީގެ އާންމު މެންބަރަށް،" މީކާއީލް ވިދާޅުވިއެވެ.

"ބޮޑު ބަދަލު" ކެމްޕެއިންގެ މެނިފެސްޓޯއަށް ފާޑުވިދާޅުވަމުން މީކާއީލް ވިދާޅުވީ، އެބޭފުޅުން ހުށަހަޅުއްވަނީ އެމްޑީޕީ ހިންގުމާ ގުޅޭ ސިޔާސަތުތަކެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ވިއްކާ ރިޔާސީ މެނިފެސްޓޯއެއް ކަމަށެވެ. މީކާއީލް ވިދާޅުވީ ޕާޓީގެ މެންބަރުންނަށް މުހިންމީ ދައުލަތުގައި ހުންނަނީ ބޮޑުވަޒީރެއްތޯ ނުވަތަ ރައީސެއްތޯ ނޫން ކަމަށާއި، މެންބަރުން ބޭނުންވަނީ ޕާޓީގެ މާލީ ހާލަތު އެނގުމާއި ގޮފިތައް ހިނގާނެ ގޮތެއް ކަމަށެވެ.

އަދި ޕާޓީ އުފެދުނުއިރު ހުންނެވި ޗެއާޕާސަން އަލުން ހޮވުމަކީ "ބޮޑު ބަދަލެއް" ނޫންކަމަަށް މީކާއިލް ވިދާޅުވިއެވެ.