ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޝަހުޒާން ހިލާފުވެފައިވާކަމަށް ބުނެ އޭނާ މިއަދު ވަނީ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މިއަދު 13:00 އަށެވެ.

ޝަހުޒާން އެ ގަޑިއަށް ކޯޓަށް ހާޒިރުވުމުން ކޯޓުންވަނީ ވަކީލަކު އައްޔަންކުރަން ޝަހުޒާނަށް ދެ ގަޑިއިރުގެ ވަގުތެއް ދީފައެވެ. ދެ ގަޑިއިރު ފަހުން ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލައެވެ.

ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތެއް ޝަހުޒާނަށް ދިނުމުގެ ބަދަލުގައި ކުރިމިނަލް ކޯޓުން ވަނީ ޝަހުޒާން އެ ކޯޓުގެ ހުރުމަތް ކަނޑާލިކަން ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެ ކޯޓުން "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަަމަށް ބެލެވޭ ކަމަށެވެ.

ޝަހުޒާންގެ އެކަންތައްތައް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވަނީ ޕީޖީ އޮފީހުގެ ފަރާތުންކަމަށް ޗިޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންވެ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި، ކޯޓަށް ހާޒިރުކުރާ ކަމަށެވެ.