"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ އެ ނޫހުގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާން ހިލާފުވެފައިވާކަމަށް ބުނެ އޭނާ ކޯޓަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެ ކޯޓުން "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަަމަށް ބެލެވޭ ކަމަށެވެ.
ޝަހުޒާންގެ އެކަންތައްތައް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވަނީ ޕީޖީ އޮފީހުގެ ފަރާތުންކަމަށް ޗިޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންވެ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި، ކޯޓަށް ހާޒިރުކުރާ ކަމަށެވެ. ޝަހުޒާން ކޯޓަށް ހާޒިރުވާން ޖެހޭނީ މާދަމާ މެންދުރު 13:00 އަށެވެ.
ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ ހަބަރު ގެނެސްދިން ގޮތުގެ ސަބަބުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުވެސް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގައިފައެވެ.
މި ޑޮކިއުމެންޓްރީ މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލާފައެވެ. މީގެކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯޓު އަމުރުތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އިސްލާމްދީނާއި ގާނޫނުއަސާސީގެ އިންތަކުން ބޭރުނުވެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ އެ ބައްދަލުވުމުން ނެރެފައެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ސަހުޒާނަކީ ބޮޑުތަކުރު ފާނަށް ވުރެވެސް ބޮޑުބަތަލެއް އަދި ރާއްޖޭގެ ހީރޯއެއް ވަރަށް ވަރަށްސާފް
ޖާނޭ - 1 މަސް ކުރިން