"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ކުރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރަށް ފުރިހަމައަށް ބޯލެނބުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރިހާ ސިޔާސީ ޕާޓީތަކަށް މިރޭ އަންގައިފިއެވެ.
އީސީން އެ އެންގުން އަންގާފައިވަނީ، އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުފެތުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ނެރުމާ ގުޅިގެންނެވެ.
އީސީން ބުނީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކޯޓު އަމުރުގެ ހުދޫދުން ބޭރުނުވުމަށް ޕާޓީތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ކުރި އަމުރުތައް:
- "އަދަދު" ނޫހުން ތައްޔާރުކުރި އެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ހުއްޓާލުން.
- ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުން. މި މައްސަލައިގައި ހިމެނޭ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ އެ ޑޮކިއުމެންޓްރީއާ ގުޅުވައިގެން ނުދެއްކުން .ޝަރީއަތުގެ ލިޔެކިޔުންތަކާއި މައުލޫމާތުތައް އާންމު ނުކުރުން.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައެއް ކަމަށާއި، އެކަން ނަހީކުރައްވާފައިވަނީ އިންސާނާގެ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ. އަދި ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު އޮންނަންވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން މިއަދު ވަނީ ފިޔާޒާއި ހަސަންގެ މައްޗަށް ގަޒްފުގެ ދައުވާކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފިޔާޒާއި، ހަސަން ފުލުހަށް ހާޒިރުކުރުމުން، ނޫސްވެރިންގެ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ބޭނުންކޮށް، އެ ދެ މީހުން ހުންނެވީ ހަނެވެ. އަދި ތަހުގީގަށް ބޭނުންވާ ޑިޖިޓަލް ޑިވައިސްތަކުގެ ޕާސްކޯޑު ދިނުމަށް ކޯޓުން ކުރި އަމުރަށްވެސް ފިޔާޒު ވަނީ ދެކޮޅު ހަދައިފައެވެ.
މި މައްސަލައާ ގުޅިގެން ފިޔާޒާއި، ހަސަންގެ ޕާސްޕޯޓު މިހާރު ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން