ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށް، ބާސާގެ ކޯޗު ހާންސީ ފްލިކްގެ ބައްޕަ މަރުވެފައިވީ ނަމަވެސް، އޭނާ ބެންޗުން ފެންނާނެ ކަމަށް ނޫސްތައް ބުނެފިއެވެ.

މިރޭގެ އެލް ކްލެސިކޯ މެޗަކީ ބާސާއަށް ތާރީހު ލިޔެލުމަށް ފުރުސަތު އޮތް މެޗެކެވެ. އެލް ކްލެސިކޯ އެއްވަރުކޮށްލައިގެންވެސް ބާސާއަށް ލީގު ތަށި ޔަގީން ކުރެވެން އޮތް އިރު، މީގެ ކުރިން އެލް ކްލެސިކޯގެ ނަތީޖާއަކުން ލީގު ޔަގީންވެފައެއް ނުވެއެވެ. ރެއާލްގެ އެތެރޭގެ މައްސަލަތައް އިންތިހާއަށް ގޯސްވެފައި އޮތް ދަނޑިވަޅުގައި، މިރޭގެ މެޗުގެ ފެވަރިޓުންނަކީވެސް ބާސާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޖަރުމަނަށް ނިސްބަތްވާ ކޯޗު ފްލިކްގެ ބައްޕަ މަރުވެފައިވާކަން ބާސާގެ ބަޔާނަކުން ވަނީ ޔަގީން ކޮށްދީފައެވެ. ބާސާއިން ނެރުނު ބަޔާނުގައި ބުނީ، އުމުރުން 61 އަހަރުގެ ފްލިކްގެ އާއިލާއާއެކުގައި މިވަގުތު ވާ ކަމަށާއި، އެކަމުގައި އާއިލާއަށް ބޭނުންވާ އެއްވެސް އެހީތެރިކަމެއްވާނަމަ ބާސާއިން އެހީވެދޭނެ ކަމަށެވެ.

ހަބަރުތައް ބުނެފައި ވަނީ ފްލިކް ޖަރުމަނަށް ދާނީ މިރޭގެ މެޗަށްފަހުގައި ކަމަށެވެ. އެގޮތުން މިރޭގެ މެޗުގައި ޓީމަށް އިރުޝާދު ދޭން މަޑުކުރަން ނިންމާފައިވާކަން، ފްލިކް ބާސާއަށް އަންގާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެކަން ސްޕެއިންގެ އިތުބާރު ނޫހެއް ކަމަށްވާ މަރްކާއިން ރިޕޯޓު ކޮށްފައިވެއެވެ.