"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީ ދައުރުކޮށް ނުހެދުމަށާއި އެ ޑޮކިއުމެންޓްރީގައި ހުރި ކަންކަމުގެ ވާހަކަ ނުދައްކަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނަސީރު ނެރުއްވި އެ އަމުރުގެ ރައުޔުގައި ވަނީ ހުސައިން އަދި ފިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ގަޒްފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ ދައުވާ ކޮށްފައިވާ ސަބަބަކީ، ދައުވާ ލިބޭ ފަރާތްތަކުން އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ މާލެ، މ. ދިމްޔާތު، ޑރ. މުހައްމަދު މުއިއްޒުއަށް ތުހުމަތުތަކެއް ރައްދުވާގޮތަށް މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު "އައިޝާ" ނަމުގައި ޑޮކިއުމެންޓްރީއެއް އާންމުކޮށްފައިވާތީ ކަމަށެވެ.

ރައުޔުގައިވާ ގޮތުން ޕީޖީ އޮފީހުން ވަނީ ދައުވާ ފޯމާއެކު، މި މައްސަލާގެ ޝަރީއަތް ހިނގަމުންދާއިރު ވަކި ގޮތަކަށް އަމަލުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފައެވެ. އެކަމުގެ ހުއްޖަތެއްގެ ގޮތުގައި ޕީޖީ އޮފީހުން ދައްކާފައިވަނީ ސުޕްރީމް ކޯޓުގެ 2021/އެސްސީ-އޭ/70 ގަޒިއްޔާކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

ގަޒަފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ނަހީ ކުރެއްވުމުގެ އިތުން ހަރުކަށި އަދަބު ކަނޑައަޅާފައިވާކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ. އެކަން އެހާބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރި ކުރުމަށާއި، އިއްޒަތުގެ ނަފްސު ރައްކާތެރިކުރުމުގެ ގޮތުންކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި ދައުވާ އުފުލިގެންވާ ހާލަތުގައިވެސް ގާނޫނުއަސާސީން އިން ދައުވާ ލިބޭ މީހާއަށް އަދި ކުށުގެ ޝިކާރައަކަށްވީ މީހާއަށް ކަށަވަރުކޮށްދޭ ހައްގުތަކެއްވާކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ގާނޫނުއަސާސީގެ 33 ވަނަ މާއްދާގާއި ނަމާ އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ ހައްގެއްކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއް ކުރީކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތްކަން އެނގޭކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

ރައުޔުގައި ބަޔާންކޮށްފައިވަނީ ޝަރީއަތުގެ މަރުހަލާގައި މައްސަލަ އޮންނަ ހާލަތުގައިވެސް، އެ ދެ ހައްގު ހަމަހަމަ ވެގެންދާނެ ފަދައަކުން ދައުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހައްގުތައް ހަމަހަމަ ކުރަންޖެހޭ ކަމަށެވެ. އެފަދައިން އަމަލުނުކުރެވޭ ނަމަ، އިއާދަނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮވެދާނެކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލައިގެ މައުލޫއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގުތަކަށް އެއްވެސް އަސަރެއް ނުކުރާނެ މޭރުމަކުން، ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

ޖިނާއީ މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތަކަކީ އާންމު ގޮތެއްގައި ހުޅުވާލެވިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުންތަކެއް ކަމުގައިވީނަމަވެސް، ގާނޫނުއަސާސީގެ 42 ވަަނަ މާއްދާގެ (ނ) ގައި އެކަމަށް އިސްތިސްނާއެއް ބަޔާންކޮށްފައިވާކަމަށް ރައުޔުގައި ގާޒީ ވިދާޅުވިއެވެ. އެގޮތުން ޖިންސީ މައްސަލަތަކާއި އެ ބާވަތުގެ އަހުލާގީ ގޮތުން ބަދު މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ކުރިއަށް ގެންދެވެނީ ޝަރީއަތްތައް ހުޅުވާނުލައިކަމަށް ގާޒީ ވިދާޅުވިއެވެ. އެއީ މުޖުތަަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުންކަމަށް ގާޒީ ވިދާޅުވިއެވެ. އެ އުސޫލުގެ މަގުސަދަކީވެސް ދައުވާ ލިބޭ ފަރާތުގެ ހައްގާއި، ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުންކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަންތައް ފާހަަގަކުރައްވައި ގާޒީވަނީ ދެ އަމުރެއް ކުރައްވައިފައެވެ.

އަމުރުތައް:

  • ދައުވާ ކުރެވިފައިވާ ހާދިސާ އާ ގުޅުންހުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމެންްޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތްތަށް ހުށަހެޅިފައި މިވާ ޑޮކިއުމެންޓްރީ އާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
  • މި ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން

އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ އެއިން ކަމަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމަށް ބެލިދާނެ ކަމެއް ކަމަށެވެ.