ފަލަސްތީނަށް ފޯރުކޮށްދޭ އެހީތަކަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން އަމަލުކުރަމުންދާތީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ބުނީ އެ މައްސަލައަކީ އދ އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ މައި ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓްގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމުގެ މައްސަލައެއް ކަމަށެވެ.

އެއީ ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުންގެންދާތީއާއި އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭ ގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައް ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

"ދިވެހިރާއްޖެއިން މިއަދު ހުށަހެޅި ބަޔާނުގައި އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވާނެއެވެ. އަދި އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތަކާ ގުޅޭ ގޮތުން އޮތް ޒިންމާ ތަފުސީލުކޮށް، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައި" އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ، އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި އަސާސީ ހައްގުތަކުން މަހުރޫމުވެފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ އެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި ސަރަހައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާ ކަމާއި އިޒްރޭލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

ފަލަސްތީނާއި އިޒްރާއީލްގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.