ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ނުވަތަ އައިސީސީގެ ރައީސާއި އެތަނުގެ ސީނިއަރ ލޯޔަރަކާ ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ދަތިކުރުމުގެ އައު ފިޔަވަޅުތަކެެއް އަޅައި އެކަން ޚާރިޖީވަޒީރު މާކޯ ރޫބިއޯ ވަނީ އިއުލާން ކޮށްފައެވެ. އައިސީސީއަކީ ދުނިޔޭގެ އެކި ގައުމުތަކުން އިންސާނިއްޔަތާ ޚިލާފަށް ހިންގާ ހަގުރާމައިގެ ޖަރީމާތައް ބަލައި ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ ދެކޮޅަށް ހުކުމް އިއްވުމުގެ ބާރުދެވިފައިވާ ބައިނަލްއަގުވާމީ މުއައްސަސާއެކެވެ. އެ މުއައްސަސާއަށް ބާރުދިނުމަށްޓަކައި ދުނިޔޭގެ ސަތޭކަވިހި ގައުމަށްވުރެ ގިނަ ގައުމުން އެތިބީ ސޮއިއަޅައިގެން އެ މުއައްސަސާގެ ގާނޫނީ ހައިސިއްޔަތު ބަލައިގަތުމާއެކު އެއަށް ތަބާވެގެންނެވެ. އެމެރިކާއަކީ އޭގެތެރެއިން ގައުމެއް ނޫނެވެ. ރައީސް ޓްރަމްޕުގެ ވެރިކަން ފެށުމާއެކު އޭނާގެ ސަރުކާރުން ވަނީ އައިސީސީ ނައްތައިލުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން މިއީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެކުރިންވެސް އެފަދަ ކިތަންމެ ފިޔަވަޅެއް ވަނީ އަޅައިފައެވެ. އެންމެފަހުން މިހަފުތާގައި އައިސީސީގެ ރައީސް ޖަޕާނުގެ ޓޮމޯކޯ އަކާނޭ އާއި އައިސީސީގެ ސީނިއަރ ލޯޔަރެއް ކަމުގައިވާ ސެނެގޯލްގެ އަބްދުލާއީ ސޭޔޭއާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އެޅުމުގެ ސަބަބަކީ ކޮބައިބާވައެވެ. އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯ ބުނާގޮތުން މިއީ އައިސީސީގެ ގިއުގަނޑުގައި ނުހިމެނޭ ގައުމުތަކުގެ އޮފިޝަލުންނާމެދުވެސް ތަހުގީގު ހިންގައި ސަރިޔަތްކުރުމަށް އައިސީސީން މަސައްކަތް ކުރާތީ އެކަމުގެ ރައްދެއްގެ ގޮތުން އަޅަންޖެހުނު ފިޔަވަޅުތަކެކެވެ. ރޫބިއޯގެ ނަޒަރުގައި އައިސީސީއަކީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައިވާ ކޯޓެކެވެ. އެތަނަށް ދީފައިވާ ބާރުތަކާއި އިޚުތިޔާރުތައް ނުހަމަގޮތުގައި ހިފަމުންދާ މުއައްސަސާއެކެވެ. އެއީ އެމެރިކާއިން ބަލައިގަންނަ ކަމެއް ނޫނެވެ. އެހެންވީމާ އައިސީސީ ސައިޒުކޮށް ފިޔަކޮށައިލުމުގެ ގޮތުން ފިޔަވަޅުތައް އެޅީއެވެ. ގައުމުތަކުގެ ސިޔާދަތީ ހުކޫމަތުގެ ހުރުމަތް އައިސީސީން ކަނޑަންޏާ އެ ކޯޓުވެސް ނައްތާލާނެ ކަމަށް އޭނާ ބުންޏެވެ.

ޓްރަމްޕުގެ ދެވަނަ ދައުރު ފެށުނު ފަހުން އެމެރިކާއިން ވަނީ އައިސީސީގެ ފަޑިޔާރުންގެ ތެރެއިން މަދުވެގެން އެގާރަ ފަޑިޔާރަކާ ދެކޮޅަށް މީގެކުރިންވެސް ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެއިތުރަށް އައިސީސީގެ އެންމެއިސް ވަކީލާ ދެކޮޅަށްވެސް ވަނީ ހަމައެކަހަލަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިފިޔަވަޅުތަކުގެ ތެރޭގައި މައިގަޑުގޮތެއްގައި ހިމެނެނީ އެމީހުންގެ މުދަލާއި ފައިސާ ހިފަހައްޓައި ގަނޑުކުރުމާއި އެމެރިކާއަށް ދަތުރުކުރުން މަނާކުރުމާއި އެމެރިކާގެ ކުންފުނިތަކުން ޚިދުމަތް ލިބިގަތުންވެސް މަނާކުރުމެވެ. މިކަންކަން މިކުރީ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ހިންގި ޖަރީމާތައް ތަހުގީގުކޮށް މުޖުރިމުންނާމެދު ސަރިޔަތް ހިންގުމަށް މަސައްކަތް ކުރީމައެވެ. އަދި ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ބަލައި ތަހުގީގުކޮށް ސަރިޔަތް ހިންގުމަށް ތާއީދުކުރުމާއެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ދިފާއީވަޒީރާއި ސިފައިންގެ ކޮމާންޑަރު ހިފައި ހައްޔަރުކުރުމުގެ އަމުރެެއް ނެރުމުންނެވެ.

އެމެރިކާ ފަދައިން އިޒްރޭލަކީވެސް މި ކޯޓުގެ ހައިސިއްޔަތު ބަލައިގަންނަ ގައުމެއް ނޫނެވެ. މިކޯޓު އުފައްދަން ސޮއިއެޅި ގައުމެއްވެސް ނޫނެވެ. އެގޮތުން އައިސީސީގެ ބާރު އިޒްރޭލުގެ މައްޗަކަށް ނެތެވެ. އިޒްރޭލަކީ މިކޯޓުގެ ގިއުގަނޑުގެ ތެރޭގައި ހިމެނޭ ގައުމަކަށް ނުވިޔަސް ފަލަސްތީނަކީ މި ކޯޓުގެ މެންބަރެކެވެ. ފަލަސްތީނަށް މެންބަރުކަން ލިބުނީ 2015 ގައެވެ. އެހެންވީމާ ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުންދާ ޖަރީމާތައް ބަލައި ތަހުގީގުކޮށް ހުކުމް އިއްވުމުގެ ގާނޫނީ ހައިސިއްޔަތާއި ބާރު އައިސީސީއަށް ފުރިހަމައަށް ލިބިގެންވެއެވެ. އިޒްރޭލުން ޖަރީމާތައް ހިންގާފައިވަނީ އަދި ހިންގަނީ އައިސީސީގެ މެންބަރެއްގެ ސަރަހައްދުގެ ތެރޭގައި ކަމަށް ވުމުންނެވެ. އެކަމަކު މިއީ ނަތަންޔާހޫ އާއި ޓްރަމްޕު އިއުތިރާފުވާ ހަގީގަތެއް ނޫނެވެ. އެދެމީހުން ހިތުން އެތިބެވެނީ ގާނޫނުގެ އަތް ނުފޯރާ ހިސާބުގައެވެ. އައިސީސީގެ ބާރުވެސް ނުފޯރާ ހިސާބުގައެވެ. އައިސީސީގެ މެންބަރުން ކަމުގައި ނުވާތީއެވެ.

އައިސީސީއާ ދެކޮޅަށް ޓްރަމްޕުގެ މަސައްކަތްތައް އޭނާގެ ފުރަތަމަ ދައުރުގައިވެސް އޮތީ ފަށައިފައެވެ. އައިސީސީގެ ހައިސިއްޔަތު އެމެރިކާއިން ބަލައިނުގަންނަ ކަމަށް އޭނާ ވަނީ އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރަމުން އިއުލާނުކޮށްފައެވެ. އޭނާގެ ފުރަތަމަ ދައުރުގެ ތެރޭގައެވެ. ޓްރަމްޕު ބުނެގެން ދެންހުރި ބައިބައި ކުރިއަށް ގެންދަނީ މި ދައުރުގައި އޭނާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯއެވެ. އޭނާ ވަނީ ގައުގަޑަކަށްފަހު ގައުގަޑެއް ލުއްސަމުންގޮސް އައިސީސީ މުޅިން ނައްތައިލާނެ ކަމަށް ބުނެފައެވެ. އައިސީސީގެ 125 މެންބަރު ގައުމަށް ރޫބިއޯ ވަނީ ހުސްވި ޖުލައިމަހުވެސް ވަރުގަދަ އިންޒާރެއް ދީފައެވެ. އެހުރިހާ ގައުމުތައް އައިސީސީން ވަކިވުމަށް އޭނާ ވަނީ އެދިފައެވެ. ގޮވާލައިފައެވެ. މިކަމަށް އިޖާބަނުދެނީ ކޮންކޮން ބައެއްތޯ ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ރޫބިއޯ ވަނީ ބުނެފައެވެ. ރޫބިއޯ މިމޭރުމުން އިންޒާރު ދިނެއްކަމަކު އެއްވެސް ގައުމަކުން އައިސީސީން ވަކިވެފައެއް ނެތެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް، އައިސީސީ ވުޖޫދުވީ އދ.ގެ ގަރާރެއްގެ ދަށުން 2002 ވަނަ އަހަރުއެވެ. މި ކޯޓުގެ މެންޑޭޓްގެ ތެރޭގައި ހިމެނެނީ މެންބަރު ގައުމުތަކުގެ ސަރަހައްދުގެ ތެރޭގައި ހިންގޭ ގަތުލުއާއްމުތައް ތަހުގީގުކޮށް މުޖުރިމުންގެ މައްޗަށް ސަރިޔަތް ހިންގުމާއި މެންބަރު ގައުމަކަށް ނުވިޔަސް އެބައެއްގެ މައްސަލަ ބަލަން އދ.ގެ ސަލާމަތީ މަޖިލީހުން އަންގައިފިނަމަ އެކަމެއް ބެލުމެވެ. އެހެންވީމާ އަފްޣާނިސްތާނުގައި އެމެރިކާއިން ހިންގި ޖަރީމާތައްވެސް އައިސީސީއަށް ބެލޭނެއެވެ. އިޒްރޭލުން ފަލަސްތީނުގެ ބިމުގައި ހިންގާ ޖަރީމާތައްވެސް ބެލޭނެއެވެ. އެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ދުނިޔޭގެ އެހެންހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކުގެ ރައުޔަކީވެސް އެއީއެވެ. ޓްރަމްޕުގެ އެމެރިކާއިން މިހާރު ދިމާކޮށްލައިގެން އުޅެނީ ދުނިޔޭގެ ހަމަތަކާއި ގާނޫނުތަކާ ކަމަށާއި މިއީ ވަރަށްވެސް ނުރައްކާތެރިވެގެންވާ ކަމެއް ކަމަށް ދުނިޔޭގެ ކަންކޮޅުތަކުން އަންނަނީ ބުނަމުންނެވެ. އިޒްރޭލް ފިޔަވައި ހަމައެއްވެސް ބަޔަކު ތިޔައީ ބަރާބަރު ކަމެކޭ، ސާބަހެކޭ ސާބަހެކޭ ނުބުނެއެވެ.