އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއްކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
"އިތުބާރު" ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވިދާޅުވީ ޕާޓީގެ އާންމު މެންބަރުން އެންމެ ބޮޑަށް ބޭނުންވަނީ އެއްގޮތެއްގައި ސާބިތުވެ ހުންނާނެ އަދި ދައްކާ ވާހަކައާއި، އަމަލާ ދިމާވާނެ އިތުބާރު ހުރި ފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކުރަން ކަމަށެވެ.
މީކާއިލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާއި، ޕާޓީގެ ރައީސްގެ މަގާމުވެސް މީގެކުރިން އަދާކުރައްވާފައިވާ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމަށް ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނަށް އަލިއަޅުއްވާލައި މީކާއިލް ވިދާޅުވީ އެބޭފުޅުން ހުށަހަޅުއްވަނީ ޗެއާޕާސަންގެ ދައުރާ ގުޅޭ ކަންކަމުގެ ބަދަލުގައި، ރިޔާސީ ޕްރައިމަރީއެއްގެ މެނިފެސްޓޯއެއް ކަމަށެވެ. ދައުލަތަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައަކީ ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާކޮށް 2028 ގެ ރިޔާސީ މެނިފެސްޓޯގައި ހިމަނަންޖެހޭ ކަންކަންކަމަށް މީކާއިލް ވިދާޅުވިއެވެ.
"އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން. ހަމަ އެއްކަލަ ފޮތް ފަންސޫރު، ޕާޓީގެ ވަކިލާރި. ޕާޓީގެ ސިޔާސަތު އަދި ޕާޓީގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް އޮތް ބައެއް ޕާޓީއާ ހަވާލުވުން. އެހެންމަ އެވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދައްކާނަން، އަދި ތަކުރާރުކޮށް ހަމަ އަޅުގަނޑު ދަންނަވާލަން މިހާރު ހިނގަމުން މިދަނީ އެމްޑީޕީ ޗެއާޕާސަނެއްގެ އިންތިހާބު، މީކީއެއް ރިޔާސީ ޕްރައިމަރީއެއް ނޫން" މީކާއީލް ވިދާޅުވިއެވެ.
ރަށްރަށުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ އިންތިހާބުގެ ނަތީޖާއަށްފަހު ޕާޓީގައި ދެމިތިބޭނެތޯ ކުރާ ސުވާލުކަމަށް މީކާއިލް ވިދާޅުވިއެވެ. 2023 ގެ ރިޔާސީ ޕްރައިމަރީއަށްފަހު ބަޔަކު ޕާޓީ ދޫކޮށް ދިއުމުން، މެންބަރުންގެ މެދުގައި އިތުބާރު ކުޑަވެފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.
ނަމަވެސް އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޕާޓީ ދޫކޮށް ނުދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ، 2023 ގައި އެމްޑީޕީގެ ސަރުކާރު ގެއްލުވާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ބައިވެރިވާން އިއުލާންކުރީ އޭނާއާ ވާދަކުރައްވާ ފަރާތްތަކުން ކަމަށެވެ. އަދި އޭރުވެސް ރައީސް މުއިއްޒަކީ "އިންޑިއާ އައުޓް" ކެމްޕެއިންގެ އިސް ފަރާތެއްކަން އެނގިތިބެ، ޒާތީ މަސްލަހަތު އިސްކޮށް އެމަނިކުފާނަށް ވާގިވެރިވީ އެބޭފުޅުންކަން، މީކާއީލް ފާހަގަކުރެއްވިއެވެ.
"ސަރުކާރު ޖަވާބުދާރީ ކުރެވޭނީވެސް، އެކައުންޓަބަލް ކުރެވޭނީވެސް އެއް ގޮތަކަށް އެއްގޮތެއްގައި ހުންނަ މީހަކަށް، އަދި ބަސްބުނާއިރުވެސް އެއްގޮތެއްގައި އެ ބަސް ހިފަހައްޓާ ބަހުގެ އިތުބާރު އޮތް ފަރާތަކަށް،" މީކާއީލް ވިދާޅުވިއެވެ.
އެމްޑީޕީއަކީ އެންމެ ފަރުދެއްގެ ގުރުބާނީއަކުން އުފެދުނު އެއްޗެއްގެ ގޮތުގައި ސިފަކުރުމަކީ އަލްމަރްހޫމް ގޯގޯ ލަތީފް ފަދަ ބޭފުޅުންނާއި، އީވާން ނަސީމްގެ އާއިލާ ފަދަ ގިނަ ބައެއްގެ ގުރުބާނީއަށް ކުރެވޭ ކުޑައިމީސް ކުރުމެއްކަމަށް މީކާއިލް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް