ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުތައް ދިރާސާކޮށް، އެ ކަންކަމަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީތަކުން އަދާކުރަންޖެހޭ އެންމެ އިސް މަސްއޫލިއްޔަތުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތަކަށް ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ވާހަކަ ނުދެއްކުމަށް އެދި ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
މިދިޔަ ހަފުތާގައި އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި 10 ވަނަ "އިންޑިއަން އޯޝަން ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން، ނަޝީދު އިންޑިއާގެ މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވަނީ ރާއްޖޭގެ މިހާރުގެ ހާރިޖީ ގުޅުންތަކާ ގުޅޭގޮތުން ވާހަކައްކައިފައެވެ. ނަޝީދުގެ ވާހަކަތާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަޝީދު ދެއްކެވި ވާހަކަތަކުގެ ސަބަބުން ގައުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ހަމައެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަނެއް ނޫން ކަމަށާއި، އެއީ ހުރިހާ ދިވެހި ރައްޔިތުންގެ ގައުމެއް ކަމަށެވެ. ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް އިޝާރަތް ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ތާއިދު އޮތީ 30 ޕަސަންޓަށްވުރެ ދަށުގައި ކަމަށެވެ.
"ސަރުކާރުގެ ހާރިޖީ ސިޔާސަތަށާއި އަދި އެެހެންވެސް ހުރިހާ ސިޔާސަތުތަށް މުތޯލިޔާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު" ނަޝީދު ވިދާޅުވިއެވެ.
ބޭރުގެ ގައުމުތަކުން ލިބޭ އެހީތަކާއި ލޯނުތައް ބޭނުންކުރުމުގައި ސަރުކާރުން މިހާރަށްވުރެ ޒިންމާދާރުވާންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީއާއި ލޯން ސަރުކާރުން ބޭނުން ކުރަންޖެހޭނީ ޒިންމާދާރުކަމާއެކު" ނަޝީދު ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ "މޯލްޑިވްސް ފަސްޓް" ނުވަތަ ރާއްޖޭގެ މަސްލަހަތަށް އިސްކަންދޭ އުސޫލުގެ މައްޗަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް، ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާނެ ފަދަ ވާހަކަތައް ދެއްކުމަކީ ގައުމީ މަސްލަހަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު