މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ، އެ ސިނާއަތް ސަލާމަތްކުރުމަށް ސަރުކާރުގެ އަވަސް އެހީތެރިކަމަށް ފަތުރުވެރިކަމުގެ ބޮޑެތި ޖަމިއްޔާތަކުން އެދިއްޖެއެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އާއި މަޓާޓޯ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ މިދިޔަ މާޗު މަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، މާޗު އަދި އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 ޕަސަންޓާއި 20 ޕަސަންޓްއާ ދެމެދުގެ އަދަދަކަށް ވަނީ ދަށްވެފައިކަމަށް ބަޔާނުގައި ބުންޏެވެ.
އެ ދެ ޖަމިއްޔާއިން ބުނީ، އެ ހާލަތުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުންދަނީ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. މީގެ ތެރޭގައި ލޯކަލް ގެސްޓް ހައުސްތަކާއި، ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ހިމެނޭއިރު، މާލީ ދަތިތަކުގެ ސަބަބުން ބައެއް ވިޔަފާރިތައް މުޅިން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައިވާކަމަށް ބަޔާނުގައި އެ ދެ ޖަމިއްޔާއިން ބުންޏެވެ.
އެ ދެ ޖަމިއްޔާއިން ސަރުކާރާއި މާލީ އިދާރާތަކަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އިންޓަރެސްޓް ނުހިމެނޭ ގޮތަށް ލޯނު ދެއްކުން ފަސްކޮށްދިނުމާއި (މޮރޮޓޯރިއަމް)، މިހާރު ހުރި ލޯނުތައް އަލުން ތަރުތީބުކޮށްދިނުން ހިމެނެއެވެ. އަދި ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަށާއި، ކޯޓާ ފީ ފަދަ އެކި ބާވަތުގެ ފީތައް މައާފުކޮށްދިނުމަށްވެސް އެ ދެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ތެލުގެ އަގު އުފުލުމާއި އިމާރާތްކުރުމުގެ ސާމާނުގެ އަގު ބޮޑުވުމަކީވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އެހެންކަމުން، ރަހުނަކާ އެކުވިޔަސް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށާއި، ހަރަދުތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް އެ ދެ ޖަމިއްޔާއިން ބުންޏެވެ.
މި ދަނޑިވަޅަކީ އިގްތިސާދީ ގޮތުން ނާޒުކު ވަގުތަކަށް ވާތީ، ފަތުރުވެރިކަމުގެ ސިނާއަތް ހިމާޔަތްކުރުމަށްޓަކައި ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ސަރުކާރުން "ސަޕޯޓް މެކޭނިޒަމެއް" ތައާރަފްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެ ދެ ޖަމިއްޔާއިން ބުންޏެވެ.
މުހައްމަދު އިޝާން
މަޓާޓޯ
މަޓާޓޯ