ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2026 ވަނަ އަހަރުގެ އެޑިޝަނަށް އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަޓާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ، ސްރީލަންކާ، އިންޑިއާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްގައި ދޭ އެންމެ ޝަރަފުވެރި ޓްރެވަލް އެވޯޑު ޕްލެޓްފޯމެވެ.

މި އެވޯޑަކީ ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީ އުޅަނދުތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންސީތަކާއި ފަތުރުވެރިކަމުގެ ބްރޭންޑްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އަހަރުގެ އެޑިޝަންގައި ސަޓާއިން ވަނީ އައުޓްސްޓޭންޑިން ޝެފް އަދި އައުޓްސްޓޭންޑިން ޔަންގް ހޮޓެލިއާ (40 އަހަރުން ދަށުގެ) އިންޑިވިޖުއަލް އެވޯޑު ކެޓަގަރީއެއް ވެސް ތައާރަފު ކޮށްފައެވެ.

ސަޓާގެ ކްރެޑިބިލިޓީ ލިބިފައިވާ ޖަމިއްޔާތައް:

  • ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ)
  • ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
  • ނޭޕާލް ޓޫރިޒަމް ބޯޑް (އެންޓީބީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
  • ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (ސްލައިޓޯ)
  • ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗްއާރްއޭބީ)
  • ބަންގްލަދޭޝް އިންޓަނޭޝަނަލް ހޮޓެލް އެސޯސިއޭޝަން (ބިހާ)
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް (އޭޕީޓީ)
  • ސަރަހައްދީ އިންޑަސްޓްރީ ބޮޑީތައް

މި އަހަރުގެ އެވޯޑަށް މި ސަރަހައްދުގެ މަޝްހޫރު ހޮސްޕިޓާލިޓީ އަދި ޓޫރިޒަމް ބްރޭންޑްތަކުން 1000 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާ ކަމަށް ސަޓާއިން ބުނެއެވެ.

އާންމުންނަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އަންނަ މަހުގެ 10 އެއްގެ ނިޔަލަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް ސަޓާއިން ބުންޏެވެ. ވޯޓުލުމުގެ ފުރުސަތު ލިބޭނީ ސަޓާގެ ރަސްމީ ވޯޓިން ޕޯޓަލް މެދުވެރިކޮށް https://www.southasiantravelawards.com/vote އެވެ.

ސަޓާ 2026 ގާލާ ހަފްލާ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މި ހަފުލާގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހޮސްޕިޓާލިޓީ ޕްރޮފެޝަނަލުން އަދި ޓްރެވަލް ބްރޭންޑްތައް ބައިވެރިވެގެން ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ސަޓާއިން ބުންޏެވެ.

ސަޓާ އަކީ ދެކުނު އޭޝިއާގައި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެހީތެރިވެދޭ ޕްލެޓްފޯމެކެވެ.