މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އާ ހިންގާ ކޮމިޓީ، ކުރިއަށްއޮތް ދެ އަހަރަށް އިންތިހާބުކޮށްފިއެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެސޯސިއޭޝަންގެ މިހާރުގެ ވެސް ރައީސް އަބްދުﷲ ގިޔާސް ވަނީ އިތުރު ދައުރަކަށް އިންތިހާބުކޮށްފައެވެ.

ދެ ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ހަޒާންދާރުގެ މަގާމަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެ މަގާމުތަކަށް ހޮވިފައިވަނީ އެންމެ ފަހުން ވެސް އެ މަގާމުތައް ފުރުއްވި ބޭފުޅުންނެވެ.

އަލަށް އިންތިހާބުވީ ތިން ބޯޑު މެންބަރެކެވެ. އެއީ އަހުމަދު އަރުޝަދު، ޑރ. އަސަދު ރިޒާ އަދި ޑރ. މުހައްމަދު މައުރޫފެވެ. ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ ޑރ. އިގްނާޒް މަންސޫރު އަދި އިބްރާހިމް ނިޒާމަކީ ކުރީގެ ދައުރުގެ ވެސް ބޯޑު މެންބަރުންނެވެ.

  • ރައީސް - އަބްދުﷲ ގިޔާސް ރިޔާޒު
  • ނައިބު ރައީސް - މުހައްމަދު ހަލީލް އަދި މުހައްމަދު ޝާޒް (ވަލީދު)
  • ސެކްރެޓަރީ ޖެނެރަލް - އަބްދުﷲ ސުއޫދު
  • ހަޒާންދާރު - ޑރ. އިބްރާހިމް ދީދީ
  • ބޯޑު މެންބަރުން - އަހުމަދު އަރުޝަދު، ޑރ. މުހައްމަދު މައުރޫފް، ޑރ. އިގްނާޒް މަންސޫރު، އިބްރާހިމް ނިޒާމް އަދި ޑރ. އަސަދު ރިޒާ

އަހަރީ އާންމު ޖަލްސާގައި މަޓާޓޯއިން ވަނީ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، ފާއިތުވި އަހަރުގެ ކާމިޔާބީތަކާއި އެ ކާމިޔާބީތައް ދައްކުވައިދޭ ހައިލައިޓް ވީޑިއޯއެއް ވެސް ހުށަހަޅައިފައެވެ.

މަޓާޓޯ ސްޓޫޑަންޓް ޗެޕްޓަރުގެ އިންޓަރިމް ސްޓިއަރިން ކޮމިޓީން މިއަހަރަށް ރާވާފައިވާ ޕްލޭންތައް ބަޔާންކޮށް، އެ ކޮމިޓީން ވަނީ ފުރިހަމަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ. އެ ޕްރެޒެންޓޭޝަން ދެއްވީ ސްޓޫޑެންޓް ޗެޕްޓާގެ އިންތިގާލީ ރައީސް ކައުސަރު އަބްދުލް ގާނީއެވެ.

އަހަރީ ޖަލްސާގައި މަޓާޓޯގެ އާ ލޯގޯ އާއި ވެބްސައިޓު ވެސް ވަނީ އިފްތިތާހުކޮށްފައެވެ. އެ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއެވެ.