ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ރުފިޔާ އިން ދޭން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕައިލެޓުން ދަތުރުކުރުން ހުއްޓާލައިފިނަމަ ޓޫރިޒަމަށް އެއިން ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު ޓީއެމްއޭގައި އޮންނައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ރިސޯޓުތަކަށް ފަތުރުވެރިން ދަތުރުކުރާ މައިގަނޑު އެއް ވަސީލަތަކީ ސީޕްލޭން އެވެ.

އެކަމުގެ ސަބަބުން ފަތުރުވެރިންނަށް ލިބެން ޖެހޭ އެންމެ ފުރިހަމަ މެހުމާންދާރީ އާއި އެންމެ ފުރިހަމަ ތަޖުރިބާ ރާއްޖޭން ނުލިބުމުގެ ފުުރުސަތު ހުޅުވިގެންދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

"މިއީ ހަމައެކަނި އެތެރޭގެ މައްސަލައެއް ނޫން. މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ނުރަނގަޅު އަސަރެއް ކުރާނެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ މި އޮންނަނީ ފަސޭހަކަމާއެކު އެތެރޭގައިވެސް ދަތުރުތައް ކުރެވޭގޮތަށް ބައްޓަން ވެފަ، މިކަމުގެ [ޕައިލެޓުން ދަތުރުކުރުން ހުއްޓާލުމުގެ] ސަބަބުން ޓޫރިޒަމް މާކެޓުގައި ރާއްޖޭގެ އަގުވެއްޓި އެންމެ ފަސޭހަ އެންމެ ލަގްޒަރީ ޓްރެވެލް ޑެސްޓިނޭޝަންގެ ނަން ހަޑިވެގެން ހިނގައިދާނެ،" މަޓާޓޯގެ ބަޔާނުގައި ބުނެފަ އެވެ.

ޓީއެމްއޭގެ ބޯޓެއް---

ސީޕްލޭން ޕައިލެޓުން ދަތުރުތައް ހުއްޓާލައިފިނަމަ ރާއްޖޭން ފުރަންދާ އެތައް ފަތުރުވެރިންނަށްވެސް އެމީހުންގެ ފްލައިޓުތައް މިސްވެ އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެކަމުގެ ސަބަބުން ރިސޯޓުތަކަށާއި ޓްރެވެލް އެޖެންސީތަކަށްވެސް އެތައް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް މަޓާޓޯގެ ބަޔާނުގައި ބުނެފައިވެއެވެ.

"ސީދާ ފަސިންޖަރުންނާ ގުޅޭ މައްސަލަތަކުގެ އިތުރުން، އިގްތިސޯދަށްވެސް ބޮޑެތި އަސަރުތަކެއް މިކަމުގެ ސަބަބުން ކުރާނެ. ރާއްޖެއަކީ ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ހިމެނޭ ގޮތަށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ގިނަ އެވޯޑުތައް ހޯދާފައިވާ ގައުމަކަށްވާއިރު، ހިދުމަތުގެ ފެންވަރަށް އަންނަ ބަދަލަކުން ވިޔަފާރީގެ އިތުބާރާއި ދުރު މުސްތަގުބަލުގައި ފަތުރުވެރިންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ - ހާއްސަކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރި މާކެޓުތަކުގައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓީއެމްއޭގެ މުވައްޒަފުންނަށް ކަންބޮޑުވުންތައް ފާޅުކުރުމުގެ ހައްގު ލިބޭކަމަށް ގަބޫލުކުރާ ކަމަށާއި އެތަނުގެ މެނޭޖްމަންޓް، ޕައިލެޓުންގެ ރެޕްރެޒެންޓޭޓިވް، އަދި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއެކު އަވަސް މަޝްވަރާތަކެއް ފަށައި، އޮޕަރޭޝަންތަކަށް ދަތި ނުވާނެ ގޮތަކަށް ހައްލު ހޯދައިދިނުމަށްވެސް އެބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން ބޭރު ފައިސާއާ ގުޅޭ ގަވާއިދުތަކާއި އޭގެ ސަބަބުން ފަތުރުވެރިކަމުގެ ހިންގުންތަކަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ގަވާއިދުތައް ސާފުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އެ ގަވާއިދުތައް ސާފުވެފައި ނުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ކުންފުނިތަކަށް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށާއި، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އަމިއްލަ ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކާ ދެމެދު އީޖާބީ މަޝްވަރާތައް ފަހިކޮށްދިނުމަށް މަޓާޓޯއިން ތައްޔާރަށް ތިބިކަމަށްވެސް ބުނެފައިވެ އެވެ.

"ފަތުރުވެރިކަމުގެ ދަތުރުފަތުރުގެ ވަސީލަތްތައް ހުއްޓުމަކަށް އައުމުގެ ތަނަވަސްކަމެއް ރާއްޖޭގައެއް ނެތެވެ. ވިޔަފާރި މެދުނުކެނޑި ކުރިއަށްދިއުން ކަށަވަރުކުރުމަށާއި، ގައުމީ ބްރޭންޑް ރައްކާތެރިކުރުމަށާއި، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ހޯދާފައިވާ ނަން ދެމެހެއްޓުމަށްވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލަމެވެ." އެބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ޓީއެމްއޭއިން ވަނީ މި މަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ 20 ޕަސެންޓު ދޭނީ ދިވެހި ފައިސާއިން ކަމަށް ބުނެފައި ކަމަށް އެތަނުގެ ބައެއް ޕައިލެޓުން ވަނީ ބުނެފައެވެ. އަންނަ މަހުން ފެށިގެން މުޅި މުސާރަ އެއްކޮށް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށްވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެއެވެ.