ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އެ ކުދިންނާ ގުޅޭ ނިންމުންތަކުގައި އެ ކުދިންގެ އަޑު އަހައި، އެ ކުދިން އެދޭ ފަދަ މުސްތަގުބަލެއް ބިނާ ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަނިޔާއިން ކުދިން ރައްކާތެރި ކުރުން ހަރުދަނާ ކުރުމާއި އާއިލީ މާހައުލުގައި ކުދިން ބެލެހެއްޓުމުގެ ފުރުސަތު ފުޅާކުރުމާއި ސިއްހީ ހިދުމަތްތަކާއި ޝާމިލު ތައުލީމާއި ތެރަޕީގެ ހިދުމަތްތައް އަދި އިޖުތިމާއީ ރައްކާތެރިކަމާއި އަލުން މުޖުތަމައަށް ރުޖޫއަކުރުމުގެ ނިޒާމު ކުރިއެރުވުމުގައި ރާއްޖެއިން ދަނީ ކުދިންގެ ހެދިބޮޑުވުމުގެ ކޮންމެ މަރުހަލާއަކަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރަމުން ކަމަށެވެ.
ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ގެންނަ އިސްލާހުތަކާއި ޑިޖިޓަލް ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ވެސް ކުދިންގެ ދުޅަހެޔޮ ކަމަށް އަލަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަންކަން ކަމަށެވެ.
މާނަވީ ކުރިއެރުމެއް ހާސިލުކުރެވޭނީ ހަމައެކަނި ކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވާލައިގެން ނޫން ކަމަށާއި އެ ކުދިންގެ ތަޖުރިބާތައް އަޑުއަހައި، އެ ކުދިންގެ ވިސްނުމަށް އިހުތިރާމްކޮށް، އެ ކުދިންނަށް ވާރުތަވާނެ މުސްތަގުބަލް ބިނާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ބާރުވެރިކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ދަރިން ބޭނުންވާ މުސްތަގުބަލެއް ބިނާކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އަޒުމް އާ ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލެއްވިއެވެ.
ކޮމެންޓް