ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓް، ފީފާ ވޯލްޑް ކަޕް އަންނަ މަހު އުތުރު އެމެރިކާގެ ގައުމުތަކުގައި ފަށަން ނިންމާފައިވާ އިރު، ބަންގްލަދޭޝްއަށްވެސް މުބާރާތުގެ މެޗުތައް ނުފެނުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑެއިލީ ސްޓާއިން ބުނެފައި ވަނީ ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމުގެ ހުއްދަ އެގައުމުގެ އެއްވެސް ކުންފުންޏަކަށް ލިބިފައިނުވާ ކަމަށެވެ. ބަންގްލަދޭޝްގެ އިތުރުން އިންޑިއާއާއި ޗައިނާވެސް އަދި އޮތީ އެކަހަލަ ހާލަތެއްގައެވެ.
ބަންގްލަދޭޝްއަށް ރައިޓްސް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވެ އޮތީ މި ސަރަހައްދަށް ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ ރީބްރޯޑްކާސްޓިން ރައިޓްސް ގަނެފައިވާ ސިންގަޕޫރުގެ ސްޕްރިންގްބޮކް ޕްރައިވެޓް ލިމިޓެޑުން ޑިމާންޑް ކުރާ އަގު ބޮޑުވުމުގެ އިތުރުން، ބަންގްލަދޭޝްގެ ކުންފުނިތަކުން އެކަމަށް ސްޕޮންސާ ދޭން އެއްބަސްނުވާތީ ކަމަށްވެސް ނޫސްތައް ބުނެއެވެ. އަދި ސަރުކާރުންވެސް އެކަމަށް ހޭދަކުރުމަށް ވިސްނުން ނުގެންގުޅޭ ކަމަށާއި، މެޗުތައް އޮންނަ ގަޑީގެ ގޮތުންވެސް އުނދަގޫތައް އެބަހުރި ކަމަށް ނޫސްތައް ބުންޏެވެ.
ބަންގްލަދޭޝްގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޒާހިރުއްދީން ސްވަޕޮން ވިދާޅުވީ މިހާރު ހާލަތު ހުރި ގޮތުން ސަރުކާރުން އެކަނި ރައިޓްސް ގަންނަން ވިސްނަން އުނދަގުލެވެ. އަދި 2022 ވަނަ އަހަރުގެ ޑީލުން ސަރުކާރަށްވީ ބޮޑުތަނުން ގެއްލުން ކަމަށާއި، އެފަހަރުގެ ކޮރަޕްޝަނާ ހެދި ލިބުނު ގެއްލުން ފޫ ނުބެއްދި އޮތުން އެއީވެސް ރައިޓްސް ގަންނަން ނޫޅޭ އެއް ސަބަބު ކަމަށް ސްވަޕޮން ވިދާޅުވިއެވެ.
ޑެއިލީ ސްޓާއިން ބުނީ ސްޕްރިންގްބޮކުން ޑިމާންޑް ކުރާ އަގަކީ 12.3 މިލިއަން ޑޮލަރެވެ. އެއީ ޕެކޭޖް ޑީލަކަށެވެ. ޓީވީ، މޯބައިލްގެ އިތުރުން ރޭޑިއޯ އަދި ސްޓްރީމިންވެސް ހިމެނޭނެ ޑީލެކެވެ.
އެންމެފަހުން 2022 ވަނަ އަހަރު ބަންގްލަދޭޝްގައި ވޯލްޑް ކަޕް ފޯރި އިންތިހާއަށް ގަދަވެފައިވާ އިރު، އެފަހަރު މެޗުތައް ދައްކަން ރައިޓްސް ގަތީ ސަރުކާރުން ހިންގާ ބަންގްލަދޭޝް ޓެލެވިޒަންއެވެ. އޭގެފަހުން ޓީ ސްޕޯޓްސްއާއި ޖީޓީވީ ވަނީ ރައިޓްސް ހޯދައިފައެވެ. އެއީ ސަރުކާރު ޗެނަލުންނެވެ.
ހަބަރުތައް ބުނީ ޓީ ސްޕޯޓްސްއިން އަގު ކުޑަކުރަން ސިންގަޕޫރު ކުންފުންޏާ ވާހަކަ ދެއްކި ނަމަވެސް އަދި އެކަމުގައި ހައްލެއް ނުފެންނަ ކަމަށާއި، އަމިއްލަ ކުންފުންޏަކާއި ސަރުކާރާ ގުޅިގެން ރައިޓްސް ގަތުމަކީވެސް އެންމެ ފަހުވަގުތު ވެދާނެ ކަމެއް ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026