އުތުރު އެމެރިކާގެ ތިން ގައުމެއްގައި އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026 އަށް އިރާން ޓީމު އެމެރިކާއަށް ދާނީ ވަކި ކަންތައްތަކަކަށް ޔަގީންކަން ލިބިގެން ކަމަށާއި، އެކަމުގައި ފީފާގެ އެހީތެރިކަން ބޭނުންވާ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުން މާކުރިންވެސް މިފަހަރު ވޯލްޑް ކަޕްގައި ނުކުޅެން އޮތީ ނިންމައިފައެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާއި، އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.

އޭގެ އިތުރުން އިރާން ޓީމަށް ރައްކާތެރިކަން ޔަގީން ނުކޮށްދެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވުމަކީވެސް އިރާނުން އެެމެރިކާގައި ނުކުޅެން ނިންމި އެއް ސަބަބެވެ.

އިރާނުން ފުރަތަމަ އެދުނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލު ކޮށްދިނުމަށެވެ. އެއީ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް އެމެރިކާގައި ކުޅެން ޖެހިފައި އޮތުމުންނެވެ.

އެކަމަށް ފީފާއިން ނޫނެކޭ ބުނެފައިވާ އިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވަމުންދަނީ އިރާން ވޯލްޑް ކަޕަށް ދާނެ ކަމަށެވެ. ފީފާ ކޮންގްރެސްގައި އޭނާ ވަނީ އިރާން ވޯލްޑް ކަޕްގައި ކުޅޭނެކަމަށް ވިދާޅުވެފައެވެ. އަދި އެމެޗުތައް ކުޅޭނީ އެމެރިކާގައި ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

އެ ކޮންގްރެސްގައި އިރާނަށް ބައިވެރިވެވިފައެއް ނުވެއެވެ. ފީފާގައި ހިމެނޭ 211 ގައުމުގެ ތެރެއިން އިރާނަށް އެކަނި ކޮންގްރެސްގައި ބައިވެރިވެފައި ނުވަނީ އިރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މެހެދީ ތާޖާއެކު ކެނެޑާއަށް ދިޔަ އޮފިޝަލުން އެގައުމަށް އެތެރެވާން ހުއްދަ ދީފައި ނުވާތީއެވެ.

ކެނެޑާއިން ނިންމީ އިރާން ފުޓުބޯޅަ އިދާރާގެ ރައީސް ތާޖަކީ އިރާނުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ކަމަށެވެ. އެ ޖަމާއަތަކީ ކެނެޑާއިން ބުނާ ގޮތުގައި ނިރުބަވެރި ޖަމާއަތެކެވެ.

އެ ހާލަތުގައި ވިސާ ކަންކަން އޮތުމާއެކު އިރާނުން ފީފާއަށް ރަސްމީކޮށް އެދުނު އެދުމުގައި ހިމެނޭ އެއް ޑިމާންޑަކީ، ކުރިން އައިއާރްޖީސީއަށް ހިދުމަތް ކުރި މީހެއް ނަމަވެސް، މުޅި ޓީމަށް ވިސާ ހަމަޖެހެން ޖެހޭނެ ކަމަށް ބުނެ ކޮށްފައިވާ ޑިމާންޑެކެވެ.

ހަބަރުތައް ބުނީ އިރާނުން ވޯލްޑް ކަޕަށް ދާނަމަ، 10 ޑިމާންޑަކަށް ފީފާއިން ޔަގީންކަން ދޭން އެދިފައިވެއެވެ. އޭގެ ތެރޭގައި އިރާންގެ ދިދައާއި ގައުމީ ސަލާމަށް އިހުތިރާމް ޔަގީންވުމާއި އެއާޕޯޓާއި ހޮޓެލްތަކުގެ އިތުރުން ސްޓޭޑިއަމްތަކުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުންވެސް ހިމެނިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.