ކުރިޔަށް އޮތް 8 މަސްދުވަހުގެތެރޭގައި ބަނޑޭރި ކޮށީގައި ސިފައިންނަށާއި ފުލުހުންނަށް ހާއްސަކޮށްގެން ބޮޑު ހައުސިން މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބަނޑޭރި ކޮށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި އެއީ ދިވެއްސަކަށް ވީތީ ލިބެން ޖެހޭ އެންމެ އަސާސީ އެއް ހައްގު ކަމަށެވެ. އެހެންކަމުން މިސަރުކާރުުގެ އެންމެ މުހިންމު އެއް ސިސާސަތެއްގެ ގޮތުގައި ތަރައްގީގެ މައިދާނުގައާއި އިޖުތިމާއީ މައިދާނުގައި އެންމެ މުހިންމު އެއް ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅީވެސް ބޯހިޔާވަހިކަމުގެ ސިޔާސަތުކަމަށެވެ.

"ގައުމު ދިފާއުކުރުމާއި މިނިވަންކަން ހިމާޔަތް ކުރުމަށްފަހު ދިވެހި ރައްޔިތަކަށް އެންމެ މުހިންމު ހައްގަކީ، އަސާސީ ބޯހިޔާވަހިކަން ހޯދައިދިނުންކަމަށް ވާނީ ކަނޑައަޅާފައި. މިގޮތުން ބަލާއިރު ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ މަތީ ޝަރަފުވެރި މަގާމު އޮންނާން ޖެހޭ ދިވެހި ސިފައިންނަށް މި ހައްގު ފުރިހަމަވެގެންދާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން." ރައީސް ވިދާޅުވިއެވެ.

9 މެއި 2026: ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބަނޑޭރި ކޮށީގައި ބޭއްވި ޖަލްސާ --- ފޮޓޯ/ ރައިސް އޮފީސް

އެމަނިކުފާނުުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެތެރޭގައި، މިހާރުވެސް ހުޅުވާލާފައި އޮތް ޕްރޮގްރާމްތަކުގެތެރޭގައި ވެސް ވަކި އަދަދެއް ކަނޑައެޅިފައިވަނީ ސިފައިންނަށެވެ. އެއީ އެންމެ އެދެވޭ އަދަދަކަށް ނުވާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ކުރިޔަށް އޮތް ތަނުގައި، އެ އަދަދު އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަސާސީ ބޯހިޔާވަހިކަން ލިބިގެންދާ ސިފައިންގެ އަދަދު ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ތެރެއިން ކުރިޔަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަ ލޮބުވެތި ސިފައިންނަށް އަޅުގަނޑު އަރުވަން. ހަމަ އެޔާއެކީގައި ބަނޑޭރި ކޮށި ސަރަހައްދަކީ ޒަމާންތަކެއް ވެއްޖެ އެހެންހުންނަތާ، ޑިވެލޮޕެއް ނުކުރެވޭ. ހަމަކޮންމެ ސަރުކާރެއްގައިވެސް، އެ ވާހަކަ ދެކެވޭ، އަޅައިނުލައި އޮންނަ ކަމެއް. ނަމަވެސް އެކަން ބަދަލުކުރަން އަޅުގަނޑު ވާނީ ނިންމާފައި. އެގޮތުން އިރާދަކުރެއްވިއްޔާ މިހާރު ކަމާބެހޭ ވުޒާރާއިން، ހައުސިން މިނިސްޓްރީން ވަނީ މަސައްކަތްތަކެއް ފަށާފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެތަނަކީ ސިފައިންގެ ވަޒީފާގައި ދެމިހުރިހާ ހިނދަކު، ކަނޑައެޅިފައި އޮންނަ ވަކި އުސޫލަކުން މިހާރުވެސް ބޯހިޔާވަހިކަން ލިބޭ ތަނަކަށް ވާއިރު، ތަނުގެ ބޭނުން ހިފާ ސިފައިންގެ އާއިލާތައް މަދުކަމަށެވެ. އަދި ފެންވަރުގެ ގޮތުންވެސް ތަން ހުރީ ރަނގަޅަށް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަންމިހެން ހުރުމުން މުޅި ބަނޑޭރިކޮށި ސަރަހައްދުގައި ޒަމާނީ ހައުސިން ސްކީމެއް ހިންގައި، އެތަނުގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް އަށެއްކަ މަސްދުވަސްތެރޭގައި ފަށައިގެން ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ކުރީކޮޅަށް ދާއިރުގައި ކުރިޔަށް އޮތް އަށެއްކަ މަސްދުވަސްތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ އަމަލީ ގޮތުން އެ ސަހައްދުގައި ބޮޑު ހައުސިން ޕްރޮޖެކްޓެއް އިރާދަކުރެއްވިއްޔާ ސިފައިންނާއި އަދި ފުލުހުންނަށް އަދި އެ އާއިލާތަކަށް އޭގެ އެންމެ ނަފާ ލިބޭނެ ގޮތަށް، ސާވިސްގައި ތިބޭއިރުގައި ކަނޑައެޅިފައި އޮންނަ އުސޫލުން ހައުސިން ކަނޑައެޅިގެން ދާނެ ގޮތަށް ބޮޑު ހައުސިން ޕްރޮޖެކްޓެއް ހިނގަން އިރާދަކުރެއްވިއްޔާ ފަށާނަން." ރައީސް ވިދާޅުވިއެވެ.