އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރު ތަށްޓަކަށް ވާދަކުރަމުންދާ މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން 3-0 އިން މޮޅުވެއްޖެއެވެ.
ލީގު ރޭހުގެ ފޯރި އިންތިހާއަށް ގަދަވެފައިވާ އިރު، ވާދަކުރަމުން ދަނީ އާސެނަލާއި ސިޓީންނެވެ. އާސެނަލުން ސީޒަނުގެ ބޮޑުބައެއްގައި ލީގުގެ ކޮންޓްރޯލް ގެންގުޅެމުން ގޮސްފައިވީ ނަމަވެސް، މިދިޔަ މަސް ތެރޭގައި ސިޓީއަށް ވަނީ އެ ކޮންޓްރޯލް ލިބިފައެވެ. އެ ހާލަތަށް ދިޔަ ނަމަވެސް ސިޓީއަށްވެސް ކޮންޓްރޯލް ހިފެހެއްޓިފައެއް ނުވެއެވެ. މިދިޔަ ހަފުތާ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން އަނެއްކާވެސް އާސެނަލް އަތްމައްޗަށް ލީގުގެ ކޮންޓްރޯލް ވަނީ ގޮސްފައެވެ.
މިރޭގެ މެޗަށް ނުކުތްއިރު ސިޓީއަށް އެއީ މޮޅުވާން މަޖުބޫރުވެފައި އޮތް މެޗެކެވެ. އެ ޕްރެޝަރާއެކު އަމިއްލަ ދަނޑުގައި ހޯދި މޮޅާއެކު މިވަގުތު ސިޓީން ދެވަނައިގައި އޮތީ 35 މެޗުން 74 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އާސެނަލް އޮތީ 76 ޕޮއިންޓާއެކުގައެވެ. ކޮންމެ ޓީމަކަށްވެސް ތިން މެޗު ބާކީ އޮތް އިރު، ސިޓީއަށް ކުރިއަށް އެރެން އޮތީ އާސެނަލުން ގޯހެއް ހަދައިގެން އެކަންޏެވެ.
މެޗުގެ ފުރަތަމަ ހާފު ވެގެން ދިޔައީ ސިޓީއަށް މާޔޫސީ ހާފަކަށެވެ. ހާއްސަކޮށް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އާލިން ހާލަންޑަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ބްރެންޓްފޯޑުން ދިޔައީ ނުރައްކާވެސް ކުރަމުންނެވެ.
އެ ހާސްކަމުގައި ފުރަތަމަ ހާފު ނިންމާލަން ޖެހުނު ނަމަވެސް، ދެވަނަ ހާފަށް ސިޓީން ނުކުތީ ދޫދޭ ގޮތަކަކަށް ނޫނެވެ. ހާއްސަކޮށް ޖެރެމީ ޑޮކޫގެ ތަފާތު އަނެއްކާވެސް ފެނިގެން ދިޔައެވެ. އެވަޓަން ކައިރިން ޕޮއިންޓެއް ހޯދައިދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ޑޮކޫ، އަނެއްކާވެސް އޭނާ ޖާދޫ ދައްކާލިއެވެ. އަރިމަތިން ގޮސް، 60 ވަނަ މިނެޓުގައި ޑޮކޫ އަމާޒުކޮށްލި ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ.
އޭގެފަހުން 75 ވަނަ މިނެޓުގައި ހާލަންޑް ޖަހައިދިން ގޯލާއެކު ސިޓީއަށް ހަމަޖެހިލަން ފުރުސަތު ލިބުނު އިރު، އެންމެ ފަހު ގޯލް ޖަހައިދިނީ އޮމަރް މަރްމޫޝްއެވެ. އެއީ މެޗުގެ އެންމެ ފަހުވަގުތު ކޮޅުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު