އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ޗެލްސީން ވާދަކުރި މެޗު 1-1 އިން އެއްވަރުވި އިރު، ސަންޑަލޭންޑުން 0-0 އިން ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފިއެވެ.

ޗެލްސީން މިރޭގެ މެޗަށް ނުކުތް އިރު، އެޓީމު އޮތީ އެންމެފަހުން ކުޅުނު ހަމެޗުންވެސް ބަލިވެ، ދަށް ފޯމެއްގައެވެ. ޗެލްސީއަށް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން އޮތް އެފްއޭ ކަޕް ފައިނަލް މެޗު ކުރިއަށް އޮތް އިރު، މިރޭގެ މެޗުން ހޯދި ޕޮއިންޓަކީ އެޓީމަށް ލިބުނު ހިތްވަރަކަށްވާނެއެވެ. އަނެއްކޮޅުން ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ޓީމަށް ނުރުހުން ފާޅުކޮށް "ބޫ" ކޮށްފައެވެ.

ލިވަޕޫލަށްވެސް މިއީ ދަށް ސީޒަނަކަށްވެފައިވާ އިރު، މިރޭ ހޯދި ޕޮއިންޓާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީންވުމާ އޮތީ ގާތުގައެވެ. އެއީ 36 މެޗުން 59 ޕޮއިންޓާއެކުގައެވެ. އެހެން ނަމަވެސް ފަސްވަނައިގައި އޮތް އެސްޓަން ވިލާއަށް އެއް މެޗު މަދުން ކުޅެ، 58 ޕޮއިންޓް ލިބިފައިވުމާއެކު ލިވަޕޫލް ތިރިއަށް ވައްޓާލުމަށް އެޓީމަށް ފުރުސަތު އެބައޮތެވެ. އަދި ބޯންމައުތުން މިރޭ ފުލަމް ކައިރިން 1-0 އިން މޮޅުވުމުން އެޓީމަށްވެސް ވަނީ ޗެމްޕިއަންސް ލީގުގެ އުންމީދެއް ލިބިފައެވެ. އެއީ ހަވަނައިގައި 36 މެޗުން 55 ޕޮއިންޓާއެކު އޮތުމުންނެވެ.

ޗެލްސީ ނުވަ ވަނައިގައި 36 މެޗުން 49 ޕޮއިންޓާއެކު އޮތް އިރު، މިރޭ އެއްވަރުވި ޔުނައިޓެޑް ތިންވަނައިގައި އޮތީ 36 މެޗުން 65 ޕޮއިންޓާއެކުގައެވެ. ސަންޑަލޭންޑް އޮތީ 12 ވަނައިގައެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީ ފްލޯރިއަން ވާޓްސްއާ ނުލައެވެ. އެއީ އޭނާ ބަލިވެ އުޅޭތީއެވެ. ރިއޯ އެންގުމޯހޯ ފުރަތަމަ 11 އަށް ނެރުނު ނަމަވެސް، ދެވަނަ ހާފު ފެށީ އޭނާއާ ނުލައެވެ. އެ ބަދަލާއެކު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އާނޭ ސްލޮޓަށް ބޫ ކޮށްފައެވެ.

މުހައްމަދު ސަލާހާއި ހޫގޯ އެކިޓީކޭވެސް އަނިޔާގެ ސަބަބުން މެޗަށް ނުކުމެފައި ނުވާ އިރު، ހަވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ރަޔަން ގްރަވެންބާޗެވެ. އެއީ އޭރިއާ ބޭރުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން މަޑުމަޑުން ޗެލްސީން މެޗަށް ވަދެ، ނުރައްކާ ކުރަން ފެށިއެވެ. މާކް ކުކުރޭލާގެ ހަމަލާއެއް ލިވަޕޫލް ކީޕަރު ޖިއޯޖީ މާމަޑޭޝްވިލީ މަތަކުރި އިރު، ހާފު ނިމެން ދަނިކޮށް ޗެލްސީއަށް އެއްވަރުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ. އޭނާގެ ހިލޭ ޖެހުން ގޯލަށް ވަދެފައިވާ އިރު، އެ ބޯޅައިގައި ޗެލްސީގެ ޑިފެންޑަރު ވެސްލޭ ފޮފާނާ ކުޑަކުޑަކޮށް ޖައްސާލިއެވެ.

ދެވަނަ ހާފުގައި ކޯލް ޕާމާ ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައިގެން ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ދެވަނަ ހާފުގައި ލިވަޕޫލްގެ ޑޮމިނިކް ޒޮބޮސްލާއީގެ ހަމަލާއެއް ޗެލްސީގެ ކީޕަރު ފިލިޕް ޖޯގެންސެން މަތަކުރި އިރު، އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ޔުނައިޓެޑާއި ސަންޑަލޭންޑް ވާދަކުރި މެޗުގައި ހަމަލާތައް ފެނުނެވެ. ފުރަތަމަ ހާފުގައި ނޯއާ ސަޑިކީއާއި ބްރައިން ބްރޮބެރީގެ ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ސެނޭ ލަމެންސް މަތަކުރި އިރު، ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރި ނަމަވެސް، ހަމަލާތައް ގިނައީ ސަންޑަލޭންޑެވެ. ލުޓްޝަރެލް ގީޓުރުއިޑާގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވި އިރު، ނިމެން ދަނިކޮށް ޔުނައިޓެޑްގެ މަތެއަސް ކޫންޏާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ.