ރެއާލް މެޑްރިޑްގެ ޑްރެސިން ރޫމް ތެރޭގައި، އޮރެލިއެން ޗުއަމެނީއާއި ފެޑެރީކޯ ވަލްވާޑޭ ތަޅައިގަނެ، އެކަމުގެ މައްސަލަ ބަލަން ފަށައިފިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ރެއާލްގެ އެތެރޭގެ މައްސަލަތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މިވަގުތުވެސް ކިލިއަން އެމްބާޕޭ ކްލަބުން ބޭރު ކުރުމަށް ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރަމުންދާ އިރު، އެމްބާޕޭއާވެސް ގިނަ ކުޅުންތެރިންތަކެއް މައްސަލަ ޖެހިފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އަދި ކޯޗު އަލްވާރޯ އާބެލޯއާއާ ބައެއް ކުޅުންތެރިން ޖައްސާލައިގެން އުޅޭ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނީ މިއަދު ރެއާލްގެ ޑްރެސިން ރޫމްގައި ހިނގި މާރާމާރިގެ ސަބަބުން ވަލްވާޑޭއަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށެވެ. އެގޮތުން ވަލްވާޑޭ ބިންމައްޗަށް ވެއްޓުނު ވަގުތު، ތަޅުންގަނޑުގައި ޖެހި ވަރަށް ބޮޑަށް ބޯފަޅައިގެން ގޮސްފައިވާ ކަމަށްވެސް އިތުބާރު ނޫސްތައް ބުނެއެވެ. އަދި ވަލްވާޑޭގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ބައެއް ކަންކަން ހަނދާން ނެތޭ ގޮތް ދިމާވެފައިވާ އިރު، އޭނާ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނީ ވަލްވާޑޭއަށް ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައިވީ ނަމަވެސް، އަނިޔާގެ ސަބަބުން އޭނާއަށް އެލް ކްލެސިކޯ ގެއްލޭނެ ކަމަށެވެ.

ވަލްވާޑޭއާއި ޗުއަމެނީގެ މައްސަލަ ބަލާނެ ކަމަށް ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ އިރު، ހިނގާ ދިޔަ ކަންކަން ދިމާވި ސަބަބެއް އަދި އެކަންކަމުގެ ތަފްސީލެއްވެސް ރެއާލްގެ ބަޔާނުގައި ނުވެެއެވެ. ބަޔާނުގައި ބުނީ ވަލްވާޑޭ ބޮލަށް ލިބުނު އަނިޔާތައް ކައިރިން ބަލަމުންދާ ކަމަށެވެ.

ރެއާލް އަނެއްކާވެސް ހުސް އަތާ ސީޒަން ނިންމާލަން ޖެހިފައިވާ އިރު، މި ސީޒަނުގެ މެދުތެރެއިން ކޯޗު ޒަބީ އެލޯންސޯ ފޮނުވާލަން ޖެހިފައިވެއެވެ. އެހިސާބުން ދިޔައީ އެތެރޭގެ މައްސަލަތައް އިތުރުވަމުން ކަމަށް ނޫސްތައް ބުނެއެވެ. ހަބަރުތައް ބުނީ މީގެ ދެ ދުވަހެއް ކުރިން ރެއާލްގެ ތަމްރީނުތަކުގައިވެސް މާރާމާރިއެއް ހިނގި ކަމަށެވެ.