މިމަހު ބާއްވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ނޭޕާލާއި ކިރްގިސްތާން އަދި އިންޑިއާއާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

މިއަހަރު ކާވާ މުބާރާތް ކުރިއަށްދާނީ ނޭޕާލުގެ ކަތަމަންޑޫގައެވެ. އެއީ މިމަހު 22 އިން 29 ވަނަ ދުވަހާ ހަމައަށެވެ. ޖުމުލަ އަށް ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ނޭޕާލާއި ކިރިގިސްތާންގެ އިތުރުން އިންޑިއާ އަދި ރާއްޖެއެވެ.

އަނެއް ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި ކަޒަކިސްތާނާއި ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.

ރާއްޖޭގެ ގްރޫޕް ސްޓޭޖު މެޗުތަކަށް ބަލާ އިރު، އެންމެ ފުރަތަމަ 22 ވަނަ ދުވަހު ރާއްޖޭން ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. 23 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ދެން ކުޅޭ މެޗުގައި ރާއްކެ ނޭޕާލާ ދެކޮޅަށް ނުކުންނާނީ 24 ވަނަ ދުވަހުއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމޭނީ 25 ވަނަ ދުވަހުއެވެ. އޭގެފަހުން ނޮކްއައުޓް ބުރު ކުރިއަށް ގޮސް، ފައިނަލް އޮންނާނީ 29 ވަނަ ދުވަހުއެވެ.

ކާވާ އަންހެން މުބާރާތުގައި ރާއްޖޭން މިފަހަރުވެސް ވާދަކުރާނީ އަހުމަދު ނަދީމް (ނަދީމްބެ) ގެ ކޯޗުކަމުގައެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް ނަދީމްބެގެ ކޯޗުކަމުގައި މާލޭގައި ބޭއްވި ކާވާ ވިމެންސް ކަޕްގައި ކުޅެފައިވެއެވެ. ހަތަރު ގައުމު ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ބަލިކޮށް ހޯދީ ކިރްގިސްތާނާނެވެ. އެމުބާރާތުގައި ދެން ވާދަކުރި ދެގައުމަކީ، އަފްގާނިސްތާނާއި ބަންގްލަދޭޝްއެވެ.